ރ. ވާދޫގެ ތަރައްގީގެ ޕްލޭންގައި ހުރި ގިނަ ކަންކަން ކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް ނެތުން ކަމަށް ރ. ވާދޫ ކައުންސިލުން ހާމަކޮށްފިއެވެ.
ރ. ވާދޫ ލައިވްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވީ ބަޖެޓްގެ ތާށިކަމަކީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރި ދައްޗެއް ކަމަށެވެ.
ވާދޫގައި ތަރައްގީކުރަން ފަށާފައިވާ ޕާކުތަކާއި މައިޒާންތައް އަދި ހަލާކުވެ މަރާމާތުކުރަން ޖެހިފައިވާ ފިޓްނަސް ސެންޓަރުގެ މަސައްކަތް ވެސް ނުކުރެވި އޮތީ ބަޖެޓް ނެތުމުން ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މީގެ އިތުރުން، ނުފެށި ހުރި ތަރައްގީގެ މަޝްރޫޢުތަށް ފެށުމަށް ހުރި ހަމައެކަނި ގޮންޖެހުމަކީ ފައިސާ ނުލިބުން ނޫން ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އިތުރު ގޮންޖެހުންތަކުގެ ތެރޭގައި ރަށުގެ އާބާދީ މަދުވުން، ސަރުކާރުގެ ތެރެއިން ނަގަންޖެހޭ ހުއްދަތައް ނެގުމުގައި ހުރި ގޮންޖެހުންތައް، ޤާނޫނީ ގޮތުން ހުރަސްތައް ގިނަވުން، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މަދުވުން، އަދި ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ކައުންސިލުން ފާހަގަކުރެއެވެ.
ވާދޫގެ ބަނދަރު ސަރަހައްދުގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކަކީ ދިވެހިރާއްޖޭގައި ތަރައްގީކުރެވޭ އެންމެ ފެންވަރު ރަނގަޅު އެއް ޕާކަށް ވާނެ ކަމަށް ކައުންސިލުން މީގެ ކުރިން މީޑިއާ އަށް މައުލޫމާތު ދިން ނަމަވެސް، އެ ތަނުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި މިހާރު އެތަން ހުރި ގޮތުން ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
މީގެ އިތުރުން، 2016 ވަނަ އަހަރު ވާދޫގައި ތަރައްގީކުރި ފިޓްނަސް ސެންޓަރަށް ވަނީ ކޮޅިގަނޑެއްގައި ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އަދި އެތަނުގައި ހުރި ބައެއް މެޝިންތައް ހަލާކުވެފައި ވާއިރު، ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް އެ ތާކުން ނުލިބެއެވެ.
