ރ.ވާދޫގައި ރޯގާގެ އަލާމާތެއް ހުރެގެން ނެގުނު 2 ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެއެވެ.
މިއާއެކު ވާދޫގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު [އެކްޓިވް ކޭސްގެ އަދަދު] މި ވަނީ ހަތަރަކަށް އަރާފައެވެ.
ވާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ, އަލަށް ފެނުނު 2 ކޭސްއާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ސާމްޕަލްތަކެއް ލެބޯޓަރީއަށް ފޮނުވާފައިވާ ކަމަށެވެ.
ކޮވިޑްގެ އާ ކޭސްތަކާއެކު، ވާދޫ ސިއްހީ މަރުކަޒުން ވަނީ، ރަނގަޅަށް މާސްކް އެޅުއްވުމަށާއި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެމަރުކަޒުން ވަނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
މީގެ ކުރިން ކަރަންޓީންގައި ތިބޭ ބައެއް މީހުން ވާދޫގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެކަމަކު މިއީ ވާދޫގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެނުނު ފުރަތަަމަ ފަހަރެވެ.
ދާދި ފަހުން އިންޑިއާ އިން އައިސް ވާދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.
އެ ތިން މީހުން ބަލިން ފަސޭހަވެފައި ވާއިރު، އެ މީހުންނާ ކޮންޓެކްޓްވި ދެ ދިވެހިން ވަނީ ޕޮޒިޓިވް ވެފައެވެ.
މި ވަގުތު ރަށުގައި ބައްޔަށް ޕޮޒިޓިވް ވެފައިވައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ ދެ ސާމްޕަލެއްގެ އިތުރުން ހެލްތު ސެންޓަރުގެ ފުލޫ ކްލިނިކުން ނެގުނު ދެ ސާމްޕަލެކެވެ.
ރ. ވާދޫގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގުޅުންހުރި ސައްހަ ޚަބަރާއި މަޢުލޫމާތު ލިބިގަތުމަށް ވާދޫ ލައިވް ޚިޔާރުކުރައްވާ!
