ސާދަ އަހަރަށް ފަހު ވާދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ޙަވާލުކޮށްފައިވަނީ ”ސައުސަން ކޮންސްޓްރަކްޝަން“އާއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުއެވެ.

އެކަމަކު މިމަޝްރޫޢާ ހަވާލުވި ކުންފުނީގެ މުވައްޒަފުންވަނީ މީގެ ދެ ދުވަހެއްްހާ ދުވަސް ކުރިން ވާދު އަށް އަރައި ޢަމަލީ މަސައްކަތް ފަށާފައެވެ. މިގޮތުން، މިދިޔަ ހޮނިހިރު ދުވަހު ވާދޫ ސިއްހީ މަރުކަޒުގެ ސަރަހައްދު ފާހަގަކުރުމަށް ވަށައިގެން ހައްދާފައި ހުރި ބައެއް ގަސްތައް ނަގައި، އެތަނުގައި އިން ކަންވާރު ދަމާފައިވެއެވެ.

ވާދޫ ސިއްހީ މަރުކަޒަކީ އެ ރަށުގައި ހުރި ވަށާފާރު ނެތް ހަމައެކަނި ދަޢުލަތުގެ މުއައްްސަސާއެވެ.

މީގެ ކުރިން ސަރުކާރުތަކުން ވަށާފާރު ރާނައިނުދިން އެމަރުކަޒަށް މިސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިސަރުކާރުން ވަނީ މަރުކަޒުގެ އިިމާރާތް ބޮޑުކުރުމުގެ މަޝްރޫއެއް ހިންގާފައެވެ.

ޖުމުލަ 3175241.09 ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ވާދޫ ޞިއްޚީ މަރުކަޒަށް އޮފީސް، މަލްޓި ޕާޕޯސް ހޯލް، ޖެނަރަލް ސްޓޯރ، މެޑިކަލް ސްޓޯރ، ގަރާޖް އަދި ލޯންޑްރީ، ކައުންސެލިން ރޫމް، ޕެއިންޓްރީ، ޕީއެޗްޔޫގެ އިތުރުން އިތުރު ބައިތަކެއް ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން, އެ މަރުކަޒުގައި ބަލި މީހުން އެޑްމިޓްކުރަން ބޭނުންކުރާ އެނދުތައް މި ސަރުކާރުން ވަނީ ޒަމާނީ އިލެކްޓްރިކް އެނދަށް ބަދަލުކޮށްފައެވެ. އެކްޓެންޝަން އިމާރާތުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ ހެލްތު ސެންޓަރުގެ މައި ދޮރާއި ދޮރުފަތް ލަކުޑިން އެލްމެނިއަމް ދޮރަށް ވަނީ ބަދަލުކޮށްފައެވެ.

ވެއިޓިންގް އޭރިޔާ ވަނީ އޭސީކޮށްފައެވެ. އެހެންކަމުން މިހާރު ރ. ވާދޫ ސިއްޚީ މަރުކަޒަކީ ފުލް އެއާރކަންޑިޝަންޑް އިމާރާތެކެވެ. އަދި ވާރޑް އެނދުގައި ބެޑް ސްކްރީން ވެސް ވަނީ ހަރުކޮށްފައެވެ.

މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.