ރ. ވާދޫ އުތުރުފަރާތު ތުނޑީ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫއު ފުރަތަމަ އިޢުލާންކުރިތާ ހަތް އަހަރާއި ހަތް މަހަށްވުރެ ގިނަ ދުވަސް ފާއިތުވީ ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
ވާދޫ އުތުރުކޮޅު ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަސައްކަތް ފެށުމަށް ވާދޫ ކައުންސިލާއި ކުންފުންޏަކާ ދެމެދު އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުގެ ރޭ ރ. ވާދޫ ސްކޫލް ހޯލްގައި ބޭއްވި ހަފުލާއެއްގައެވެ. މިރަށު ކައުންސިލުން މިމަޝްރޫއު ހިންގުމަށް އަލަތު އެއްބަސްވުމެއް ހަދާފައިވަނީ ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއެކުއެވެ.
ނަމަވެސް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަކީ މިފަދަ މަޝްރޫއެއް ހިންގުމުގެ ޤާބިލުކަން އެއްވެސް ގޮތަކަށް ނެތް ކުންފުންޏެއް ކަމަށްވުމުން، ވާދޫ ކައުންސިލަށް މަޖުބޫރުވީ އެ އެއްބަސްވުން، އެހެން ކުންފުންޏަކާއެކު ހަދައި، ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް މިމަޝްރޫއިން ބޭރުކުރަންށެވެ.
މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އޭރު ވިދާޅުވީ އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް ކަމަށެވެ. އަދި ޖުމްލަ އަށް މިލިއަން ޑޮލަރު އެތަނަށް އިންވެސްޓް ކުރާނެކަމަށާއި އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް 24 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ގެސްޓްހައުސްތަކުން އާންމު ގެސްޓްހައުސްތަކަށްވުރެ ފުޅާކޮށް ޚިދުމަތްލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޑައިވިން ސެންޓަރާއި ވޯޓާސްޕޯޓްސްއާއި ޖިމާއި އިންޑޯ ކުޅިވަރުތައް ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރެސްޓޯރަންޓާއި ފުޑް އެންޑް ބެވެރެޖްގެ ޚިދުމަތްފަދަ ހިދުމަތްތައް އެތަނުން ލިބޭނެކަމުގައި ކަމަށް ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިޕްރޮޖެކްޓްގެ ދަށުން ވާދޫގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެފަދަ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ތެރެއިން ވަރަށް ގިނަ ވަޒީފާ އުފެދިގެންދާއިރު، ވާދޫގެ ރައްޔިތުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، ރ. އަލިފުށި، ރ. ރަސްގެތީމް އަދި ރ. އަނގޮޅެތީމްގެ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން، ވާދޫގައި ރިސޯޓެއް ހެދުމަށް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ދޫކޮށްފައިވާ ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑާ ފަހުން ހަވާލުކުރިއެވެ. މާގިރި ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި މިމަސައްކަތް ފަހުން ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިންގަޕޫރުގައި ރަސްޖިސްޓަރީކޮށްފައިވާ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާގެ މޯހަން މުތާ ކުންފުނީގެ ކުޑަޑައިގެ ދަށުގައިވާ ކުންފުންޏެކެވެ. މިފަދަ މަޝްރޫއެއްގެ މަސައްކަތް އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ކޮށްފައިނުވާއިރު، އަލުން ބިޑުނުކޮށް، ލީސް ބަދަލުކުރާ އުސޫލުން މިވަރުގެ މަޝްރޫއެއް ބަޔަކާ ހަވާލުކުރުމަކީ ވާދޫގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެކެވެ.
މިމަޝްރޫއުގެ މައުލޫމާތާއި އަދާހަމަތައް ވާދޫ ކައުންސިލުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް މިރަށުން މިނޫހާ ވާހަކަދެއްކި ބައެއް އާންމުން ބުނެއެވެ.
މާގިރި ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ވާދޫ ކައުންސިލާއެކު ސޮއިކުރިއިރު، އެކުންފުނި ރަޖިސްޓަރީކުރިތާ މަސް ދުވަސް ވެސް ނުވެއެވެ.
ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.
ނަމަވެސް، ފަތުރުވެރިކަމުގެ މިހުވަފެން ވާދޫ ރައްޔިތުން ބަލާތާ މިހާރު މިވަނީ ހަތް އަހަރާއި ހަތް މަހަށްވުރެ ގިނަ ދުވަސްވެފައެވެ. ރ. ވާދޫ ލައިވްއިން ރަށު ކައުންސިލްގެ ބަހެއް ހޯދުމަށް އެކިއެކި ގޮތްގޮތުން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން، ކައުންސިލްގެ ފަހުގެ ބަހެއް މި ރިޕޯޓުގައި ހިމަނާފައެއް ނުވާނެއެވެ.
ނަމަވެސް، ރ. ވާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުގައި ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެފައި ވަނީ ރ. ވާދޫ އުތުރުކޮޅުގައި ހިމެނޭ 3.5 ހެކްޓަރުގެ ސަރަހައްދެއްގަައި ފަތުރުވެރިކަން ތަރައްގީކުރުމަށް އީ.އައި.އޭ ހަދަައި ރިޕޯޓް ނިންމާފަައިވާ ކަމަށެވެ. އަދި 90 ދުވަސް ތެރޭ އެ ތަނުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އޭގެ ފަހުންވެސް ތިން އަހަރުވީއެވެ. އަމަލީ މަސައްކަތް ފެށޭ ގޮތެއް ނުވިއެވެ.