ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބުނެފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމައި، އެކަމަށް ހާއްސަ ގަވައިދެއް ވަނީ އެކުލަވާލައިފައެވެ.

ނަމަވެސް، ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައިވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ލޭނު އެޅުމާ މެދު ކަންބޮޑުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގައެވެ.

އަދި، ހާއްސަކޮށް އަތު ނަނުގައި ކަންނެލި އެންމެ ގިނައިން ބާނާ އުތުރުގެ އަތޮޅުތަކުގައި ލޭނު އެޅުން ވަނީ މަނާކޮށްފައެވެ. އެއީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ގެއްލުންވުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅެއް ކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ލޭނު އަޅަން ހުއްދަ ދޭނީ އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށެވެ. އަލިފުށީ އުތުރުން އޮންނަ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން އެންމެ ގިނައިން ކުރާ ސަރަހައްދު ކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ބުންޏެވެ.

އައްޑޫގެ ދެކުނަށް ލޭނު މަސްވެރިކަމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ 100 މޭލުން ބޭރުގެ ސަރަހައްދަކީ މިހާރު ޗާގޯސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ކަނޑުގެ 200 މޭލު ބޭރުން ހައިސީ އަށް ނުކުމެ ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ސަރަހައްދަކީ އެކި ގައުމުތަކުގެ އުޅަނދުތައް ވެސް ލޭނު އެޅުމުގެ މަސްވެރިކަން ކުރާ ސަރަހައްދެކެވެ.