ރ. އަލިފުށީގައި ”ވިލެޖް ވީވަރ“ ދޫނި އާލާކުރުމަށް އެ ރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
އަލިފުށީ ކައުންސިލުން ބުނީ އެރަށުގައި ”ވިލެޖް ވީވަރ“ ދޫނި އާލާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަތަރު ޖޯޑު ”ވިލެޖް ވީވަރ“ ދޫނި އެ ރަށުތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެ ކައުންސިލުން ދޫކުރި ދޫނިތައް ހިފާ ނުހެދުމަށް ކައުންސިލުން ވަނީ އާންމުކޮށް އިލްތިމާސްކޮށްފައެވެ.
މިބާވަތުގެ ދޫންޏަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި އާލާކޮށްފައިވާ ދޫންޏެކެވެ. އެ ދޫނި އަލިފުށީގައި އާލާކުރަން ނިންމީ މިހާރު އާލާކޮށްފައިވާ ބައެއް ރަށްރަށުން އެއްކުރެވުނު މައުލޫމާތައް ބެލުމަށް ފަހު އޭގެ ސަބަބުން ފައިދާތަކެއް ލިބޭނެތީ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިކައުންސިލްގެ ފަރާތުން “ވިލެޖް ވީވަރ” ދޫނި ވާނީ ރަށުތެރެއަށް ދޫކޮށްފައެވެ. މި ދޫންޏަކީ ރަށުގެ ވެށީގެ ރައްކާތެރިކަމަށްޓަކައި ދޫކޮށްފައި ހުރުން މުހިންމު ދޫންޏަކަށް ވާތީ އެއްވެސް ފަރާތަކުން މިދޫނިތައް ނުހިފުމަށް ދަންނަވަމެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް


ރާއްޖޭގެ ރަށެއްގައި ވިލެޖް ވީވަރ ދޫންޏެއް

މި ބާވަތުގެ ދޫނިތަކުގެ ސަބަބުން ގަސްގަހުގައި އަޅާ، ގަހަށް ގެއްލުންދޭފަދަ ފަނިފަކްސާތައް ކޮންޓްރޯލްވެ އޭގެ ފައިދާ ވެއްޓަށް ލިބިގެންދެއެވެ. އަދި މި ދޫންޏަކީ ސައިޒުގެ ގޮތުން ކުޑަ ދޫންޏެކެވެ. މިދޫނީގެ ބާރު ދުވެއްޔާއި ހުށިޔާރުކަމުން އާންމުކޮށް ރަށްރަށުގައި އުޅޭ ކާޅު ފަދަ ދޫނިސޫފިސޫފާގެ ޝިކާރައަކަށްވުމުގެ ފުރުސަތު ކުޑައެވެ.

މިދޫނި އާލާކުރުމަށް ރަށުތެރެއަށް ދޫކޮށްލުމަށް ފަހު އެސޮރުމެން ފެންނަ ހިސާބަށް ފުރަތަމަ ދުވަސްކޮޅުގައި ކޮންމެވެސް ވަރަކަށް ކާން އަޅަން ޖެހެއެވެ. ނަމަވެސް ވަކި ތަނެއް ނުވަތަ ވަކި ސަރަހައްދެއްގައި ދޫނިތައް ހަމަޖެހުމުން ކާން ދޭން ނުޖެހޭނެެއެވެ.

މިދޫނީގެ ހާއްސަ ކަމަކީ، އަމިއްލައަށް ވިޔެގެން، ބެދިފައި ހުންނަ ގޮއްޓެއް ގޮތަށް ހަދާ ހާލިތަކެވެ. އޭގެ މާހައުލުގައި އުޅޭއިރު، އެ ފަދަ ގިނަ ހާލިތަކެއް ހަދަ އެވެ. ގަހުގެ ގޮފިގަނޑުގައި، ތިރިއަށް އެލިފައި ހުންނަ އެ ހާލިތަކަށް ދޫނިތައް ވަދެ ނުކުމެ އުޅޭއިރު ވެސް އެއީ ބަލާލަން ހިތްގައިމު މަންޒަރެކެވެ.