ރަށަކަށް ދާ ނަމަ އެންމެ ފުރަތަމަ ވެސް ބަލާލެވޭނީ އެއީ ކޮންކަހަލަ ރަށެއްތޯއެވެ. ދަތުރަކަށް ފެށުމުގެ ކުރިން އެރަށެއްގެ ވަނަވަރު ހޯދާނެއެވެ. އާންމު ގޮތެއްގައި ރަށަކަށް ދިއުމުގެ ކުރިން ބަލާ ތިން ކަމެއް އޮވެއެވެ. އެރަށަކުން ލިބޭ ޚިދުމަތްތަކާއި މެހެމާންދާރީއެވެ. އަމަންއަމާންކަމެވެ. ރަށުގެ ރީތި ކަމާއި ނަލަ ކަމެވެ.
ދަންނަވަންތޯއެވެ. މިއިން ކޮންމެ ކަމަކަށް ބެލިޔަސް ރ. އަތޮޅުގައި ވާދޫއަކީ ސަތޭކައިގެ ރަށެކެވެ. މިއީ އަހަރެން ދައްކާ ވާހަކައެއް ނޫނެވެ. މިރަށަށް އަރާ ކޮންމެ ބީރަށްޓެއްސަކު ވެސް ދޫކޮށްލާ ”ރިވިއު“އެވެ. ފަސްތަރި ޖެހުމަށް ފަހު ބުނަނީ މިރަށުން ފުރަނީ ފުރާ ހިތުން ނޫން ކަަމަށާއި ދެ ވަނަ ފަހަރަށް ވެސް އަންނަ ކަހަލަ ކަމަށެވެ.
ތާރީޚީ ވާހަކައެއް ހިއްސާކޮށްލާނަމެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގެ ދުވަސްވަރެވެ. ރިޔާސީ ލޯންޗުކޮޅުން ފެން ހުސްވެގެން ފެން އަރުވާން ބޭނުންވި ހާލަތުގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އަތޮޅުވެރިންނާ ގުޅުއްވައި ދަންނަވައިފިއެވެ. ފެން އަރުވާން އެންމެ ރަނގަޅުވާނީ ކޮން ރަށަކުންތޯއެވެ؟ ޖަވާބުގައި ރ. އަތޮޅުގެ ވެރިޔާ ދަންނަވައިފިއެވެ. މި އަތޮޅުގައި އެންމެ ފެން މީރު، ސާފުތާހިރު ރައްޔިތަކު ދިރިއުޅޭ ރަށަކަށް އޮންނާނީ ވާދޫއެވެ. އެ ދުވަހު ރިޔާސީ ލޯންޗުކޮޅު ރަށާ ގާތްކުރުމުން ވާދޫ ކަނބަލުން ނުކުމެ އަދަބު އިޚްތިރާމާއެކު ބަނޑިޔާތަކުގައި މީރުފެން ގެންގޮސް ރިޔާސީ ލޯންޗުކޮޅަށް އަރުވައިފިއެވެ.
ކޮންމެ އަކަސް ތާރީޚީ ފަތްފޮތްތަކުން ފެންނަން ހުރި މިފަދަ ހާދިސާތަކުން އަހަރެމެންނަށް އެނގޭ އެއް ހަގީގަތަކީ ވާދޫއަކީ ޒަމާނުންސުރެ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ފެން މީރު، ސާފުތާހިރު ރަށްކަމެވެ. މިކަމުގެ ހައްގު ކްރެޑިޓް އަހަރެން ދޭނީ ވާދޫގެ ހީވާގި މުރާލި ކަނބަލުންނަށެވެ. ރަށުގެ ތެރެއާއި ގޯތިގެދޮރު ސާފުކުރުމުގައި ވާދޫ ކަނބަލުން ދައްކަނީ ކާބަފައިން ދެއްކި ރީތި މިސާލެވެ. ފަތިހުގެ މުދިމަށް ބަންގި ދިނީމާ ނުވަތަ ހާލާ ކާޅުގެ އަޑު އިވުނީމާ، ނަމާދުކޮށްލައިގެން ނުކުމެ ގޯތި ތެރެއާއި ގެއާ އިންވެގެން އޮންނަ މަގުމަތީ ސަރަހައްދު ކުނިކަހައި ސާފުނުކޮށް ވާދޫގެ އަންހެންވެރިން އެހެން ކަމަކާ ނުވެސް އުޅޭނެއެވެ. މަގުމައްޗާއި ގޯތިތެރެ ހަޑިވެއްޖެ ނަމަ ސާފުނުކޮށް ތިބުމަކީ މި ރަށުގެ އަހުލުންނަށް މާ ކަމުދާ ކަމަކަށް ނުވެއެވެ. ސައިހެދުމާއި ކެއިންބުއިމަށްވެސް އިސްކަންދޭނީ ކުނިކަހައި ގޭދޮށް ރީތި ކުރުމަށްފަހުއެވެ.
ވާދޫގައި އަވަށުު ތެރޭގެ ސާފުތަކާހިރު ކަމާ އެއްވަރަށް މީހުން ނޫޅޭ ސަރަހައްދުގެ މަގުތައް ވެސް ފެންނާނީ ވަރަށް ޗާލުކޮށެވެ. ވާދޫގެ ގޮނޑުދޮށްތަކާއި ތުނޑީ، ފިނޮޅުތައް ވެސް ނިކަން ސާފުތާހިރުވާނެއެވެ. އެތަންތަން ސާފުކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަކެވެ. މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ މި ރަށު މީހުންގެ ސަގާފަތެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް މިރަށު މީހުންގެ ފަހުރެކެވެ. ވާދޫއަކީ އަބަދުވެސް ސާފުތާހިރު ރަށެއްގެ ގޮތުގައި ނަން ކިޔާ ނަމޫނާ ރަށެކެވެ. ރަށުތެރެ، އަދި ގޯތިދޮށް ކުނިކަހައި ރީތިކުރުމަކީ އާދައެކެވެ. ވާދޫ އަންހެނުންގެ ފަރާތުން ތަރުބިއްޔަތުވާ އަންހެން ކުދީންގެ ކިބައިގައިވެސް މިއާދަ ހުރެއެވެ.
އަމަން އަމާންކަމުގެ ވާހަކަ ދައްކާ ނަމަ ބުނެވެން އޮތީ ވެސް މިވަރުގެ އަމާން ރައްކާތެރި ރަށެއް އަތޮޅުގައި ނެތް ކަމަށެވެ. ލާޗާރުބިޗާރަށް އުޅޭ ޒުވާނުންނެއް ނެތެވެ. މާތް ﷲ އިރާދަކުރެއްވީތީ މިރަށުގައި މަސްތުގެ ވަބާއެއް ނެތެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މިކަން ދެމި އޮންނާނީ ވެސް މިގޮތުގައެވެ. ވައްކަމާއި މާރާމާރީ ނުހިންގައޭ ދެންނެވިދާނެއެވެ. ކޮންމެއަކަސް ކުށުގެ ވެށީގައި ޒުވާނުން މަދު މިފަދަ ރަށެއް ރާއްޖޭގައި މަދުވާނެއެވެ.

ރ. ވާދޫ: މޫދުން ދިއްލި ނޫ ތަރިތަކާއި އެކު ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާ ރަށެއް!
ރ. ވާދޫއޭ ބުނެފި ނަމަ ގިނަ ބައެއްގެ ހިތަށް ފުރަތަމަ ވެސް އަރާނީ ރެދަނެވެ. ވާނީ ވެސް އެހެންތާއެވެ. ޒަމާނުން ސުރެ ރެދަންލުމަށް މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ. ހަމައެކަނި ދިވެހި މީޑިއާތަކެއް ނޫނެވެ.
ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވެސް މި ރަށަށް ލިބިފައި ވެއެވެ. ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ ނޫސްތަކުންނާއި އެހެނިގެން މަންސަތަކުން ފެނެއެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މި ވާހަކަ އެބަ އޮތެވެ. މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ރ. ވާދޫ ވަނީ ފީޗާކޮށްފައެވެ.
ކޮންމެހެން ދެކިލަން ޖެހޭ 15 ގުދުރަތީ މަންޒަރު މި ސުރުހީގެ ދަށުން ސީއެންއެންގައި ގެނެސްދީފައިވާ ލިސްޓްގެ އެންމެ ކުރީގައި ހިމަނާފައި އޮތީ ވާދޫއެވެ. މީގެ އިތުރުން ވެސް ޖަޕާނުގެ ޓީވީ ސްޓޭޝަންތަކާއި، ބީބީސީ އަދި ޑިސްކަވަރީގެ ޗެނަލްތަކުން ވެސް މި މަންޒަރު ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ.

ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ. ރެދަނަކީ މޫސުމީ ކަމެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ވެސް މި މޫސުން އަތުވެދާނެއެވެ. ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެ އެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ. އެ ވަގުތު މުޅި ގޮނޑުދޮށް ފެންނަނީ ނޫކުލަ އިން ދިއްލިފައިވާތަނެވެ.
ކަނޑުމަތިން އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެ އެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ ”ފަޔަފްލައި އިފެކްޓް“ އެވެ.
އެހެންވެ، މަޝްހޫރުވި ފޮޓޯގައި އެ ފެންނަނީ އާދައިގެ ފައިޓޮޕްލެންކްޓަންސް އެއް ނޫނެވެ. އެ ފޮޓޯ އަށް އެހާ ރީއްޗަށް މަންޒަރު އަތުލެވިފައި ވަނީ ގިނައިރު ދިއްލޭ ސޫފިތަކެއްގެ ސަބަބުންނެވެ. އެއީ އޮސްޓްރަކޯޑްސް އެވެ. މިއީ އެއްޗެއްގައި ޖެހުމަށް ފަހު އެއް ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތަކަށް ދިއްލޭ އެއްޗެކެވެ. އެހެންވެ މީގެ އެތައް ހާސް އެއްޗެއް ގޮނޑުދޮށަށް މަރުވެ ލެއްގުމުން މި ރީތި މަންޒަރު އުފެދިގެން އަންނަނީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
