ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ އެމްޑީޕީގެ ޖަގަހަތަކުގައި ދިދަދިނެމުގެ ރަސްމިއްޔާތުތައް ބޭއްވިއިރު މައިގަނޑު ހަރަކާތް އޮތީ ދަނޑިކޮށީ ހަރުގޭގައެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށްގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ.

މިކަން ހާމަކޮށްފައިވަނީ ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީއަށް 20 އަހަރު ފުރުނުއިރު މިއަދުން ފެށިގެން އަހަރީ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. ފައްޔާޒު ވިދާޅުވީ މި ހަރަކާތްތަކުގެ ބޭނުމަކީ އެމްޑީޕީން ފާއިތުވި 20 އަހަރު ދުވަހު ކޮށްފައިވާ އިސްލާހީ މަސައްކަތްތައް އަންގައި ދިނުމަށް ކަމަށެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުނުއިރު އެޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކުގައި ޕާޓީދޫކޮށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޕާޓީއާ އަލުން ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުން —-

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ 11 ނޮވެމްބަރ 2008ގައި ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމަށް އިސްކުރެވުނު ސިޔާސީ ޕާޓީއެވެ. މިއީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި ފުރިހަމަ ޑިމޮކްރަސީ ގާއިމްކުރުމަށް ގޮވާލާ ލިބަރަލް (މިނިވަންކަމާއި ހަމަހަމަކަމަށް މަސައްކަތްކުރާ) ޕާޓި އެކެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ އިންތިހާބު ކާމިޔާބުކުރީ ވެސް މި ޕާޓީއެވެ. އަދި މިއީ އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕާޓީއެވެ.

އެމްޑީޕީ ރަޖިސްޓްރީ ކުރަން ފުރަތަމަ ހުށަހެޅީ 24 ފެބްރުއަރީ 2001 ގައެވެ. އޭރުގެ ޤާނޫނޫއަސާސީ އިން، ސިޔާސީ ޕާޓީ އުފެއްދުމާއި ޕާޓީ ހަރަކާތްތެރިވުން ހުއްދަކުރި ކަމުގައި ވިޔަސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށެއް ނުދިނެވެ. ނަމަވެސް ދިވެހި ރައްޔިތުން ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުމެ ކުރި މަސައްކަތާއި، ޖަލުގައި އަނިޔާވެރި ގޮތަކަށް މަރާލި އީވާން ނަސީމްގެ މަރުގެ ހާދިސާއާ ގުޅިގެން ހިނގި ހާދިސާތަކަށް ފަހު 10 ނޮވެމްބަރ 2003 ގައި އޮޅުދޫކަރައިގައި އެމްޑީޕީ ވުޖޫދަށް އައީއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުން —-

ޕާޓީ ފުރަތަމަ އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ކެބިނެޓް މިނިސްޓަރަކާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ 42 މީހަކު އިސްވެ ތިބެއެވެ. އަދި ޕާޓީގެ އާއްމު މަޖިލީހުގެ މެންބަރުން އިންތިހާބު ކުރެވުނީ 13 ފެބްރުއަރީ 2004 ގައެވެ. ދިވެހި ސަރުކާރުން އެމްޑީޕީ ބަލައިނުގަތް ކަމުގައި ވިޔަސް 30 އެޕްރީލް 2005 ގައި ޕާޓީގެ ހަރަކާތްތައް ރާއްޖޭގައި ފެށިއެވެ.

2 ޖޫން 2005 ގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހައި މެންބަރުންގެ އިއްތިފާގުން ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަކުރަން ފާސްކުރެވުނެވެ. އަދި އެއާ ގުޅިގެން 26 ޖޫން 2005 ގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ރާއްޖޭގެ ދެ ވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑިޕީ ރަޖިސްޓްރީ ކުރެވުނެވެ.

2006 ވަނަ އަހަރާ ހަމައަށް ވެސް އެއްވެ އުޅުމުގެ މިނިވަންކަމަށް ގިނަ ހުރަސްތަކެއް ކުރިމަތިވަމުން ދިޔައެވެ. އަދި ސަރުކާރުން އިދިކޮޅު މެންބަރުން ހައްޔަރުކުރަމުން ދިޔައެވެ. އަދި މާޗް 2006 ގައި ސަރުކާރުން ”އިސްލާހީ މަގުޗާޓު“ އިއުލާނު ކޮށް ގިނަ އަދަދެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި 2007 ވަނަ އަހަރު އޮގަސްޓް މަހުތެރޭގައި، ރާއްޖޭގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުނެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މަސައްކަތް ނިންމާ އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.