ރ. ވާދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން ބޭނުންވާ ތަކެތި ރަށަށް ގެނެސްފިއެވެ.
މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނި ގޮތުގައި، ޕީއެސްއައިޕީގެ ދަށުން، ރ. ވާދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ލޯޑުކޮށް، އެ ރަށަށް ވަނީ ގެންގޮސްފައެވެ.
މިމަސައްކަތް ކުރުމަށް ވާދޫއިން ކަނޑައެޅި ބިން މިހާރު ވަނީ ސާފުކޮށްފައެވެ.
މިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރ. ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުން:
21 ޖަނަވަރީ 2025، ރިފަރެންސް: SA/RMM/2025/13
”ޕޮލިސް ޚިދުމަތް ދިނުމުގައިވެސް އަޅުގަނޑު މިހާރު ވާނީ މަޝްރޫޢެއް ފަށާފައި. އެއީވެސް ހަމަ ޖުމްލަކޮށް މުޅި ރާއްޖެއަށް އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދެއް. ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއަށް އަދި އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ރަށުގެ ނީޑަށް އިޤްތިޞާދީ ގޮތުންނާއި، ދެންހުރި ކަންކަމަށް ވިސްނާފައިވެސް، އެ ބޭނުންވާ ސައިޒެއްގައި ހުންނަ ޕޮލިސް ޚިދުމަތް ދޭނެ މަރުކަޒެއް، ޕޮލިސް ޕޯސްޓް، ނޫނީވިއްޔާ ޕޮލިސް ސްޓޭޝަން ހަދާނެކަން. އެހެންވީމާ، މިހާރު އެކަމަށްޓަކައި ވަރަށްބޮޑު މަސައްކަތްތަކެއް އޮތީ ފެށިފައި. އަމާޒަކީ މި ފެށިގެން މިދާ އަހަރު ނިމެންވާއިރަށް، 2025ގެ ނިޔަލަށް ދާއިރުގައި، މުޅި ރާއްޖޭގައިވެސް ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގައި ޕޮލިސް ޚިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެނެއް ނޫން، އަމިއްލަ އިމާރާތެއް، އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ޤާއިމުކުރުން. އެކަން ހާސިލުކުރުމުގެ ބޮޑު މަޝްރޫޢެއް ފެށިފައި އޮތީ. އެހެންވީމާ، އޭގެތެރެއިން ހަމަ މި ރަށުގައިވެސް އެކަން ކުރުމަށް އޮތީ ނިންމިފައި. އެހެންވީމާ، ޖުމްލަކޮށް އެ ހުރިހާ ކަމެއް އެގޮތަށް ހަމަ ދާނެ.“
