މެނޭޖިން އެޑިޓަރުގެ ނޯޓު:

މިލިޔުމަކީ ނޫސްވެރިޔާ މުސްލިމާ ހަސަންގެ ލިޔުމެކެވެ. މިލިޔުން ރ. ވާދޫ ލައިވްއިން ޝާއިއުކޮށްފައި މިވަނީ ބައެއް އުނިއިތުރުތަކާއި އިސްލާޙުތަކާއެކު ލިޔުންތެރިޔާގެ ލިޔުމުގެ އަސްލު ނުގެއްލޭ ގޮތަށެވެ. މިލިޔުމަކީ އޭނާގެ ފަރާތުން މިނޫހަށް ޝާއިއުކުރުމުގެ ހައްގުދީފައިވާ މައުލޫމާތު މުއްސަނދި ލިޔުމެއްކަން ފާހަގަކުރަމެވެ.

އެންމެ ފަހުން ރިވިއުކުރީ: ޒިދާން މުޙައްމަދު، މެނޭޖިންގ އެޑިޓަރ — 20 ޖުލައި 2025


ޒަމާން ބަދަލުވެއްޖެއެވެ. ކުޑަ ތަރައްގީން ބޮޑު ތަރައްގީއާ ދިމާލަށް ރަށްތައް ވަނީ މިސްރާބު ޖަހާފައެވެ. މިއީ ކޮންމެ ރަށެއްގަވެސް ވާހަކައެވެ. ކަތީބު ޒަމާނުގައި ތަރައްގީ ގެނެވިފައި ހުރި ގޮތާާއި، ކައުންސިލް ދައުރުގައި ތަރައްގީ ގެނައުމުގައި ހުރި ލެވެލްތަކުގެ ވާހަކައެވެ. ކަތީބު ޒަމާނުގައި ’އޭރު ގެނެވުނު ތަރައްގީއަކީ މިހާރަށްވުރެ މާބޮޑަށް މާ ބުރަކޮށް ކުރެވުނު މަސައްކަތް“ ކަމަށް ކަތީބުކަން ކުރައްވާފައިވާ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވައެވެ.

އުމުރުން 93 އަހަރުގެ މުހައްމަދު އިބްރާހީމަކީ ރ. ވާދޫގެ ކުރީގެ ހިންގުންތެރި ކަތީބެވެ. އޭނާގެ ފަހަތުގައި މަސައްކަތް ކުރީ އެންމެ ދެ ތިން މީހެކެވެ. އެއީ މުޅި ރަށެއްގެ ރައްޔިތުން ބެލެހެއްޓުމާ ހަވާލުވެ އެ ރައްޔިތުންގެ ތަރައްގީއަށް ރަށަށް މަސައްކަތް ކުރުމަށެވެ.

މުހައްމަދު އިބްރާހީމް ވަޒީފާއަށް ނުކުމެވަޑަައިގަތީ ޒުވާން އުމުރުގައެވެ. ފުރަތަމަ މުދިމެއްގެ ވަޒީފާގައި އުޅުއްވުމަށްފަހު ކަތީބު ކަމަށްބަދަލުވީ އަތޮޅު އޮފީހުގެ އެންގުމުންނެވެ. ދައުލަތަށް އޭނާވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. 49 އަހަރުވަންދެނެވެ. އެއީ ބައިގަރުނެވެ. އެ ދުވަސްތަކުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވާދޫއަށް މުހައްމަދަު ކޮށްދެއްވާފައި ވަނީ ތައުލީމީ ޖީލެއް ބިނާކުރުމަށް މަދުރަސާއެއް ރަށުގައި ގާއިމު ކޮށްދެއްވުމުގެ އަގުހުރި މަސައްކަތްޕުޅެވެ. އެރަށުގެ ފުރަތަމަ މަދަރުސާއަކީ މުހައްމަދުގެ މޭސްތިރިކަމުން ގާއިމުކޮށްދެއްވި މަދަރުސާއެކެވެ. އޭނާ އަކީ މިރަށުގެ ތަައުލިމްގެ ބާނީއޭ ދެންނެވިދާނެއެވެ.

ރ. ވާދޫ މުހައްމަދު އިބްރާހިމް ކަތީބްކަމުގެ ދުވަސްވަރު ސަރުކާރުގެ އިސްބަޔަކާއެކު…..

މުހައްމަދުގެ ކާފަ ދަރިއެއް ކަމަށްވާ މުހައްމަދު ޝަފީގް ބުނީ، ކާފަގެ ކަތީބް ޒަމާނުގައި އެންމެ ބޮޑަށް ފެނުނީ ކާފަގެ ހިންގުންތެރިކާއި ޒުވާން ޖޯޝުކަަމަށެވެ. ސުނާމީ ކާރިސާ ދިމާވެގެން އުޅުނު އިރުވެސް ކާފަގެ ފަރާތުން ފެނުނީ ހިތްވަރެވެ. އޭރުވެސް އުމުރުގެ ގޮތުން ބަލި ކަމަށާއި، ނަމަވެސް އެ ދުވަހު އެ ކަންތައް ފާހަގަނުވާ ކަމަށެވެ. އޭރު ކާފަ ހުންނެވީ ކަތީބު ކަން ދޫކުރެއްވުމަށްފަހު އަތޮޅު އޮފީހުގެ ހާއްސަ އެހީތެރިޔާގެ ގޮތުގައި ކަމަށްވެސް ޝަފީގު ބުންޏެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ އޭނާ ކަތީބު ކަމުގައި 49 އަހަރާއި، ނުވަ މަހާއި، ނުވަ ދުވަސް ހޭދަކުރެއްވި ކަމަށެވެ. އަދި އެ ދުވަސްވަރަކީ ވަސީލަތްތައް މަދު ޒަމާނެއް ނަމަވެސް ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރިވިފައިވާ ކަމަށާއި، ރަށުގެ ބަދަރާއި، މިސްކިތްތަކާއި، މަގު ހެނދުމުންފެށިގެން ގޮސް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިހާރެކޭ އެއްގޮތަށް ގިނަ ކައުންސިލަރުންނާއެކު އޭރު އޮފީސް ނުހިންގާ ކަމަށާއި، މަސައްކަތުގައި އޮފީހުގައި ތިބެނީ ގިނަވެގެން ހަތަރެއް ނުވަތަ ފަސް މުއައްޒަފުން ކަމަށެވެ. އެއީ ބޮޑު ކަތީބު އާއި ކުޑަކަތީބު އަދި ސެކެޓްރީއާއިއެކު މަސައްކަތު މިހާއާއި، ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އޭނާއަށް ކުރެވުނު މުހިންމު ތަޖުރިބާތަކެއްގެ ގޮތުގައި ފާހަގަކުރެއްވީ ރަށުގެ ޒުވާނުންނަށް ތައުލީމު އުނގަންނަވައި ދެއްވުމަށް ކުލާސްތަކެއް ހިނގެވި ކަމެވެ. އަދި މިސްކިތްތައް އެޅުވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެ އިތުރުން ގާ ފާލަމެއް އެޅުއްވުންވެސް ހިމެނޭ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

ކަތީބު ކަމުގައި ކުރެވުނު ތަފާތު ތަޖުރިބާއެއް

ކަތީބު ކަމުގައި އުޅުއްވި ދުވަސްވަރު ވަރަށް ގިނަ ފޮނި ތަޖުރިބާތަކާއި ހިތްދަތި ތަޖުރިބާތައްވެސް މުހައްމަދު ވަނީ ކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ރަށުގައި 100 ފޫޓްގެ ގާފާލަމެއް އެޅުމަށް ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރެއްވި މަސައްކަތްޕުޅާއި، މިސްކިތް އެޅުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އެގޮތުން ވާދޫގެ އަލްމަސްޖިދުއް ސަމާހާއާއި، އަލް މަސްޖިދުއް އައްފާންއަކީ އޭރުގެ ކަތީބުކަމުގައި ކުރެއްވި މަސައްކަތްޕުޅުން އެޅުއްވި މިސްކިތް ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.

”ނޮވެމްބަރު 3 އުދުވާނީ ހަމަލާ ކުރިމަތިވި ހަބަރުލިބުނުން ހަނދާންވޭ އެދުވަހު ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް. ރައްޔިތުން ނެރެ ދެވުނު އިރުޝާދު މަތިން.“
ރ. ވާދޫ މުހައްމަދުގެ ކުރީގެ ފޮޓޯއެއް…..

މުހައްމަދު އިތުރަށް ވިދާޅުވީ ވާދޫއަކީ އާބާދީ މަދު މީހުންމަދު ރަށެއް ކަމަށާއި، އެގޮތުން މުހައްމަދުގެ ކަތީބު ކަމުގެ ފުރަތަމަ ކޮޅު، ރަށުގެ ޖުމްލަ އާބާދީ އަކީ 84 މީހުން ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ އާބާދީގައި ތިބީ 600 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

މުހައްމަމަދު ވިދާޅުވީ ކަތީބުކަމުން ރިޓެޔާ ކުރެއްވުނު ހިސާބުން ފެށިގެން، ކައުންސިލަރުން އައްޔަން ކުރެވުނު ކަމަށެވެ. އޭގެ ފަހުން ރަށު އޮފީސް، ކައުންސިލް އިދާރާ އަކަށް ބަދަލު ކުރެވި، މަސައްކަތް ތަކަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އޭނާގެ ފަހުން ވާދޫގެ ކަތީބުކަން ދެ ބޭފުޅަކުކުރައްވާފައިވެއެވެ. އެއީ މުޙައްމަދު އިބްރާހީމް ނަސީމްއާއި އަބްދުލް ހަމީދެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ކައުންސިލަރުކަން އަލީ ނަސީމް ކުރެއްވިއެވެ.

ކައުންސިލުތަކުން ވެސް ރަށުގެ ތަރައްގީ އަށް ކުރަމުންދިޔަ މަސައްކަތުގެ މުހިންމު ނިންމުންތައް ނިންމުމުގައި މުޙައްމަދުގެ މަޝްވަރާ ހޯއްދެވިއެވެ. އެގޮތުން ތަރައްގީގެ ނިންމުންތައް ނިންމުމުގައި ބައިވެރިވުން ކުރީ ކައުންސިލްތަކުން ލިބުނު ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވަނީ ވާދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭނާގެ ޚިދުމަތް މިރަށުގެ މީހުން ގަބޫލުކުރަނީ އެއީ ހިންގުންތެރި ބާނީއެއްގެ ގޮތުގައެވެ.


އިތުރަށް ކިޔާލަން:

ރ. ވާދޫގައި ހުންނަ ވާދޫ ސްކޫލްގެ ތާރީޚް

ތާރީޚީ ގޮތުންބަލާއިރު، ވާދޫ ސްކޫލް އެންމެ ފުރަތަމަ ވުޖޫދުވީ އިލެމެންޓްރީ ސްކޫލެއްގެ ގޮތުގައި 1950 ވަނަ އަހަރުގައެވެ. އެގޮތުން އެންމެ ފުރަތަމަ ދަނޑިފަނުން އިމާރާތްކުރި މަދަރުސާ ޢިމާރާތްކުރީ ރ. ވާދޫ އަލިވާގެ ހުރި ބިމުގައެވެ. އެއީ ވާދޫ ޢަލީކަލޭފާނުގެ ކަތީބުކަމުގައެވެ. ރާއްޖެއަށް ކުރި ގަދަވިއްސާރައެއްގައި މި މަދަރުސާ ހަލާކުވުމުން، ދެވަވަނަ ފަހަރަށް މަދަރުސާ ޢިމާރާތްކުރެވުނީ އޭރުގެ ކާޑުގޭގެ ހުޅަނގުކޮޅުގައިއެވެ. 1960 ވަނަ އަހަރު ސުމުއްވުލް އަމީރު މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރު، ވާދޫ ޗާންދަނީވިލާ މުޙައްމަދު އިބްރާހީމްގެ ކަތީބުކަމުގައި ވާދޫ ފިނިވާގޭ ހުޅަނގުގައި ތިންވަނަފަހަރަށް މަދަރުސާ ޢިމާރާތްކުރިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި 1979 ވަނަ އަހަރު މަދަރުސަތުލް ސަޢާދާގެ ނަމުގައި މަދަރުސާ ފުރަތަމަފަހަރަށް ރަޖިސްޓަރީކުރިއެވެ. އެ ސްކޫލްގެ ނާޒިރަކީ ޗާންދަނީވިލާ މުޙައްމަދު އިބްރާޙީމެވެ. އެއަށްފަހު 1980 ވަނައަހަރު ވާދޫ މަކުތަބުގެ ނަމުގައި މަދަރުސާ އަލުން ރަޖިސްޓަރީކުރިއެވެ. 1984 ވަނަ އަހަރު އެމެރިކާގެ ހިލޭ އެހީދޭ ޖަމިއްޔާއެއްކަމުގައިވާ އައި.ހެޕް ގެ ފަރާތުން 3 ކްލާސްރޫމްގެ އިމާރާތައް ބޭނުންވާތަކެއްޗާއި ކޮންސަލްޓޭޝަން ފޯރޮކޮށްދެއްވުމުން މުޅި ޢިމާތާރުގެ މަސްއަކަތްކުރެއްވީ ވާދޫ ރައްޔިތުންނެވެ. މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވެވީ ކަތީބް އަދި ނާޒިރު، މުޙައްމަދު އިބްރާޙީމެވެ.

މި ޢިމާރަތްކުރެވުނީ ފިނިވާގޭ އިރުމަތީން އޮތް، ވާދޫ ނޫރާނީގެ ޔޫނުސްއާދަމަށް ދޫކުރެވިފައިވާ ބިން ރަށު އޮފީހުގެ ބޭނުްމަށް ނެގުމަށްފަހުގައެވެ. 1990 އަހަރުތަކުގައި ސްކޫލުގައި އެކި ގްރޭޑްތައް އުފެދެމުން 1999 ވަނަ އަހަރު މުޅީން އަލަށް ގްރޭޑް 7 ތަޢާރަފްކުރެވި އިނގިރޭސި މީޑިއަމަށް ބައެއް މާއްދާތައް ބަދަލުކުރެވުނެވެ. އަދި 2005 ވަނަ އަހަރު ސަރުކާރު ސްކޫލަކަށް ވާދޫ ސްކޫލް ބަދަލުވެގެން ދިޔައެވެ.

2006ވަނަ އަހަރު ގްރޭޑް 8 އުފެދި 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރަށުގައި ތިބެގެން ވާދޫގެ ކިޔަވާކުދިން ކޭމްބްރިޖް އިންޓަރނޭޝަނަލް އިމްތިހާނު ހެދިއެވެ. މުދައްރިސުންނާއި ސްކޫލު ހިންގެވި އެކި ބޭފުޅުންނަށް ބަލާއިރު، މި ސްކޫލުގެ ފުރަތަމަ ޕްރައިމަރީ ޓީޗަރަކީ ރ. ވަދޫ ޢަލިވާގޭ އަހުމަދު ދާއޫދެވެ. ފުރަތަމަ ސުޕަރވައިޒަރަކީ ބ. ދަރަވަންދޫ ވައިމަތީގޭ އައިމިނަތު ރަޝީދާއެވެ. ފުރަތަމަ އެކްޓިން ހެޑްމާސްޓަރަކީ ނ. ކުޑަފަރީ ވާދީ ލީލާ މުޙައްމަދެވެ. އެންމެ ފުރަތަމަ ހެޑްމާސްޓަ ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލްކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި ޕްރިންސިޕަލްގެ މަގާމް އަދާކުރެއްވީ ރ. ވާދޫ ނޫރާނީގޭ އިސްމާޢީލް ނަސީރެވެ.


އިތުރަށް ކިޔާލަން:

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު – 2023

މުޙައްމަދު އިބްރާހީމަކީ، އުފަން ރަށް، ރ. ވާދޫގެ ވެރިކަމުގެ މަގާމުގައި ހުންނަވައިގެން، އެ ރަށަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 22 ޖޫން 1958 ގައި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، ރ.ވާދޫ މުދިމު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ރ. ވާދޫ ކަތީބު ކަމަށް ހަމަޖެއްސެވީ، 18 މޭ 1959 ގައެވެ. މުޙައްމަދު އިބްރާހީމް ވާދޫ ކަތީބުކަން، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. ފުރަތަމަ ޕެންޝަން 22 ޖޫން 1978 ގައި ލިބިވަޑައިގެންނެވިއިރު އަދި ދެވަނަ ޕެންޝަން 22 ޖޫން 1998 ގައި ލިބިވަޑައިގެންނެވިއިރުވެސް ހުންނެވީ ކަތީބު ކަމުގައެވެ.

މުޙައްމަދު އިބްރާހީމަކީ، ކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، ވާދޫގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކަތީބު ކަމުގެ މަގާމު ދެއްވުމާ ގުޅިގެން، މުޙައްމަދު އިބްރާހީމް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރެއްވުމަށެވެ. އެ ވަގުތަކު ރަށަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންކަން، އެ ވަގުތަކު ހަމަޖެއްސެވެން އޮތް ގޮތަކަށް ހަމަޖައްސަވައި ދެއްވަމުން ގެންދެވިއެވެ. އަދި ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުންނާ ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި މުޙައްމަދު އިބްރާހީމާ މެދު އުފެދިފައިވާ އިތުބާރަކީ، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެހާ ގިނަ ދުވަހު މުޙައްމަދު އިބްރާހީމަށް ކަތީބު ކަމުގައި ހުންނަވައިގެން ރަށަށް ޚިދުމަތް ކޮށްދެއްވުނީ، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތުމުން ކަމަށް މުޙައްމަދު އިބްރާހީމް ދެކެވަޑައިގަންނަވައެވެ.

13 ސެޕްޓެންބަރު 2000 ގައި ވާދޫ ކަތީބު ކަމުން ރ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމަށް މުޙައްމަދު އިބްރާހީމް ބަދަލުކުރެއްވިއެވެ. 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 49 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އޭރު ހުންނެވީ، ރ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމުގައެވެ.

ޚިދުމަތުގެެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުންވަނީ އޭނާއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023ވަނަ އަހަރު ދެއްވާފައެވެ.