”ޑިޕްރެޝަން“، ކަންފަތަށް ހޭނިފައިވާ އަޑެކެވެ. މީސްމީޑިއާގެ މަންސަތަކުންނެވެ. މީހުންގެ ދޫތަކުންނެވެ. މާނަ ނުދަންނަ މީހަކު ހުރެދާނެ ހެނެއް ހިއެއް ނުވެއެވެ. މާނައާ މެދު ފުން ނަޒަރަކުން ނުވަތަ ފުން ވިސްނުމަކުން ވިސްނާނެ ބަޔަކު މަދުވާނެެކަން ޔަޤީނެވެ. ތެދެކެވެ. ހުން އައިމަ ރަޖާލާ ފަދައަކުން ޑިޕްރެޝަންގެ ޝިކާރައަކަށް ރަޖައެއްގެ ހިމާޔަތް ނުލިބެއެވެ. ބޭރުފުށުން ފެންނަ ބައްޔެއް ނޫނެވެ. ތަޙައްމަލު ނުކުރެވެނީސް އަޅާ ވޭނެއް، ކުރެވޭ އިޙުސާސެއް ނޭނގޭނެއެވެ.
މިއަދު އެއް ރާގެއްގައި ކިޔާ އަޑު އިވެއެވެ. ތިމަންނަގެ ޑިޕްރެޝަން ހުރެއެވެ. ތިމަންނައަކީ ޑިޕްރެޝަނަށް ބޭސް ކުރާ މީހެކެވެ. ތިމަންނައަށް ބޭސް ނުކައި ނުވެސް ނިދެއެވެ. އަބަދު ވިސްނެނީއެވެ. އަހަރުމެންގެ ތެރެއިން މި ވާހަކަ ޤަބޫލުކުރަނީ ކިތައް މީހުންތޯއެވެ؟ ނުވަތަ މިއީ އާދައިގެ ކަމެކޭ ހިތާ އެ ފުރާނައަށް އަޅާ ނުލައި ދޫކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟
ހެޔޮ ނުވާނެއެވެ! ޑިޕްރެޝަނަކީ އާދައިގެ ކަމެއް ނޫނެވެ. ޖައްސާ ޑްރާމާ އެއްވެސް ނޫނެވެ. ޖޯކެއް ވެސް ނޫނެވެ. ޑިޕްރެޝަން ހުންނަ މީހަކަށް ނުނިދޭ ވާހަކަ ބުނުމުން ހިތަށް އަރައިފާނެއެވެ. ތިމަންނައަށް ވެސް ބައެއް ރޭ ރޭ ނުނިދެއެވެ. އެއީ އާންމު ކަމެއް ނޫން ހެއްޔެވެ؟ ނޫނެކެވެ! އެއީ އާންމު ކަމެއް ނޫނެވެ. ސިކުނޑި ވަށައިގެން އެނބުރެނީ އާދައިގެ ޚިޔާލުތަކެއް ނޫނެވެ! އެއީ ކަނު އަނދިރިގަނޑެއްގެ ތެރޭގައި ގޮތް ހުސްވެފައިވާ މީހެއްގެ ސިކުނޑީގައި އެނބުރޭނެފަދަ ޚިޔާލުތަކެވެ. ބިރުވެރިކަމުގެ އޮއެވަރު ވާނީ ޖިސްމަށް އަތްގަދަކޮށްފައެވެ. އަމިއްލަ ފުރާނަ ދުއްވައިލަން ހިތަށް އަރާނީ އެބުނާ ”އާންމު“ ކަމަކަށް ނުވީމައެއް ނޫން ހެއްޔެވެ؟
ދެން ހިތަށް އަރައިފާނެއެވެ. ކީއްކުރަން ކާ ބޭހެއް ހެއްޔެވެ؟ ބަލި ލޮލަށް ފެންނަނީކީވެސް ނޫނެވެ. ބުނަން ހެއްޔެވެ؟ ހުރިހާ ބައްޔަކީ ލޮލަށް ފެންނަ ކަހަލަ ބަލިތަކެއް ނޫނެވެ. އެ ބުނާ ”އިޝްޤީ ބަލި“ ލޮލަށް ފެނޭ ހެއްޔެވެ؟ ގައިމު ނުފެންނާނެއެވެ. އެހެނަސް އެއީވެސް ބައްޔެއްކަން ދަންނާށެވެ. ސިކުނޑި ލޮލަށް ނުފެނި ހުރުމަކީ ސިކުނޑި ނެތުން ހެއްޔެވެ؟ ލޮލަށް ފެނި އަތް ނުލެވުނަސް ޑިޕްރެޝަނަކީ ވެސް ”ރިއަލް“ ބައްޔެކެވެ! ”ފޭކް“ އެއް ނޫނެވެ!
