ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަރުތަ ފުޓްސަލް މުބާރާތް 2025، އޯގަސްޓް 1 ވަނަ ހުކުރު ދުވަހު ރަސްމާދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ރ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތުގެ 4 ވަނަ އަހަރެވެ.
މި އަހަރުގެ މުބާރާތުގައި އަތޮޅުގެ 12 ރަށަކުން ޓީމު ރަޖިސްޓަރ ކުރި ނަމަވެސް، އަތޮޅުގެ ވެރިކަން ކުރާ ރަށް އުނގޫފާރުން ވަނީ ޓީމުގެ ނަން އަނބުރާ ގެންގޮސްފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ގުރޫޕް އޭގައި ހިމެނެނީ ވާދޫ، ރަސްމާދޫ، މަޑުއްވަރީ، އިނގުރައިދޫ، އަލިފުށި އަދި މާކުރަތެވެ. ގުރޫޕް ބީގައި ހިމެނެނީ ދުވާފަރު، މީދޫ، ކިނޮޅަސް، ހުޅުދުއްފާރު އަދި އިންނަމާދޫއެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމާދޫގައި މިހާރު ވަނީ ވަރަށް ބޮޑެތި ތައްޔާރީތަކެއް ކުރެވިފައެވެ. ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ރަށުތެރެ ޒީނަތްތެރިކޮށް، ދަނޑު ތައްޔާރުކުރުމާއި މެހެމާނުންނަށް މަރުޙަބާ ކިޔުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ކުރަމުންނެވެ.

މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވާ ފަހަރު ކަމުގައި ބެލެވެއެވެ. މުބާރާތުގެ ތާރީޚަށް ބަލާއިރު، ދުވާފަރުން ވަނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ތިން އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ވަނީ ކުޅެފައެވެ.
ރ. އަތޮޅު ކައުންސިލުން މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް ކުޅިވަރު ކުރިއަރުވާ، ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމެވެ.
