މިއަދު ފަށާ އަރުތަ ފުޓްސަލް މުބާރާތް 2025ގައި ވާދަކުރާ ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ނިއުބޯން އެފްސީގެ ކުޅުންތެރިންނަށް ހާއްސަ ޓްރެވެލް ބޭގެއް ހަދިޔާކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރ. ވާދޫއަށް ނިސްބަތްވާ، ފުޓްސަލް ކްލަބް، ނިއުބޯން އެފްސީއިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ނިއުބޯން އެފްސީގެ ކުޅުންތެރިންނަށް ހަދިޔާކުރި ދަބަސްތަކުގައި އެކުޅުންތެރިންގެ ނަމާއި ޖާޒީ ނަމްބަރު ޖަހާފައިވެއެވެ.
އަރުތަ ފުޓްސަލް މުބާރާތް 2025ގައި ގުރޫޕްތަކަށް ޓީމުތައް ބެހިފައިވާ ގޮތް ރ. އަތޮޅު ކައުންސިލުން ހާމަކޮށްފައިވާއިރު މިއަދު ރަސްމާދޫގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 12 ރަށަކުން ޓީމެއް ބައިވެރިވާން ރަސްޖިސްޓަރކުރިއެވެ.
އެ 12 ރަށަކީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އުނގޫފާރު
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫއެވެ.
ނަމަވެސް އަތޮޅުގެ ވެރިކަންކުރާ އުނގޫފާރުން ވަނީ ޓީމުގެ ނަން އަނބުރާ ނަގާފައެވެ.
މިމުބާރާތުގައި ވާދޫ އެފްސީ ހިމެނިފައި ވަނީ ގުރޫޕް އޭގައެވެ. އެ ގުރޫޕްގައި ވާދޫ އެފްސީގެ އިތުރުން ދެން ހިމެނެނީ، ރަސްމާދޫ، މަޑުއްވަރީ، އިނގުރައިދޫ، އަލިފުށި އަދި މާކުރަތެވެ.
ގުރޫޕް ބީގައި ދުވާފަރު. މީދޫ، ކިނޮޅަސް، ހުޅުދުއްފާރު އަދި އިިންނަމާދޫ ހިމެނެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ވާދޫ އެފްސީން ވަނީ ފަރިތަކުރުންތައް ވެސް ބާއްވާފައެވެ. މި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައެވެ.
ވާދޫ އެފްސީން ވަނީ މިމުބާރާތުގައި 2022 ވަނަ އަހަރުވެސް ވާދަކޮށްފައެވެ. ދެ އަހަރަށް ފަހު މުބާރާތަށް އެނބުރި އަންނަ ޓީމުގައި ވާދޫއަށް ނިސްބަތްވާ ހުނަރުވެރި ޒުވާން ކުޅުންތެރިން ފެނިގެންދާނެއެވެ.
ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.
މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވާނެ ފަހަރުކަމުގައި ގަބޫލްކުރެވެއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތުގެ މަގުސަދެކެވެ.
