މާލޭން ރ. އަތޮޅަށް ދަތުރުކުރާ ފެރީތަކުގެ ޕްރޮމޯޝަނެއްގައި އަގުތަށް އާދަޔާ ޚިލާފަށް ތިރިވެއްޖެއެވެ.

ލޯންޗުތަކުން މިހާރު އިއުލާންކޮށްފައިވާ ޕްރޮމޯޝަންތަކުގައި ބައެއް ފެރީ ލޯންޗުތަކުން ވަނީ 350 ރުފިޔާއަށް ވެސް ފެރީ ޓިކެޓްތަކުގެ އަގުތަށް ތިރިކޮށްފައެވެ. އޭގެ ކުރިން 500 އަދި 550 ރުފިޔާގެ ފެއަރތަކެއްވެސް އިއުލާންކުރިއެވެ. ކުރިން 800 ރުފިޔާއަށް ހުރި ޓިކެޓްތަކުގެ އަގުތައް ތިރިވުމާއެކު އާންމުންގެ މެދުގައި ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

އެއްބަޔަކު ވަނީ، ކަސްޓަމަރުންނަށްޓަކައި ގެއްލުމުގައި ދަތުރުތައް ކުރަނީތޯ ސުވާލު އުފައްދާފައެވެ. އަނެއް ބަޔަކު ވަނީ ތެލުގެ އަގު މާބޮޑަށް ހެޔޮވީތޯ ނޫނީ ތެޔޮވަޅެއް ފެނުނީތޯ ސުވާލުކޮށްފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޓިކެޓްގެ އަގުތައް މާހެޔޮކޮށްގެން މިއުޅެނީ މާލެއިން ރ. އަތޮޅަށް ދަތުރުކުރާ ފެރީ ލޯންޗުތަކުން ހިންގާ ޕްރޮމޯޝަނެއްގައި އެއް ލޯންޗަށްވުރެ އަނެއް ލޯންޗުގެ ދަތުރުގެ އަގުހެޔޮކޮށް ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަން ހޯދުމުގެ ބޭނުމުގައެވެ.

މީގެ ކުރިން ރ. އަތޮޅަށް މި ފެރީތަކުން ދަތުރުކޮށްދެނީ 800 ރުފިޔާގެ އަގަކަށެވެ.

މިއަގަކީ އެންމެ އެކަށީގެންވާ އަގު ނޫންކަމަށް ބުނެ އާންމުންގެ ނުރުހުމާއި ޝަކުވާ މީގެކުރިން ވަނީ އެ ލޯންޗުތަކަށް އަމާޒުވެފައެވެ.