ރާއްޖޭގެ އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި މުވައްޒަފުންނަށް 25،000 ރުފިޔާ ޖަމާކުރަން ފަށައިފިއެވެ. މި ފައިސާ ޖަމާކުރަނީ މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށެވެ.

އެމްއޭސީއެލްއިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމުގައި ގެންގުޅެނީ ރަނގަޅު އުސޫލެކެވެ. މި ގޮތުން ފާއިތުވި ހަތަރު އަހަރު ވެސް އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ އުސޫލެއްގެ މަތިން 25،000 ރުފިޔާ ބޯނަހުގެ ގޮތުގައި ދީފައެވެ.

އެމްއޭސީއެލްގެ އުސޫލުގެ ދަށުން އަހަރީ ބޯނަސް ލިބޭނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށެވެ. އަދި ހަ މަސްދުވަހު ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ވަކިވި މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައި ބޯނަސް ދެއެވެ. ނަމަވެސް އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް މި ބޯނަސް ނުލިބޭނެއެވެ.

އެމްއޭސީއެލްއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަދޭ ހަމައެކަނި ކުންފުންޏަކީ ވެސް އެމްއޭސީއެލްއެވެ.