ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ ރީތި އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެ ސިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ. އަދި އެ ފަރާތްތަކުގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް އެ ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުނުވުނު ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތް ކުރީ 1972ވަނަ އަހަރުގައެވެ. އޭގެފަހުން ރާއްޖޭން ވަނީ އެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގެވެސް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ.
މި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު 2020ވަނަ އަހަރުން ފެށީގެން ޖެހިޖެހިގެން 5 އަހަރު ރާއްޖޭން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްގެ މަގާމު ދިފާއުކޮށްފައެވެ.
