އައްޑޫ މީދޫ އިކޯ ގާޑަން ސަރަހައްދުގައި މިއަދު އަނެއްކާވެސް އަލިފާން ރޯވެއްޖެއެވެ.

މިއަދު ހެނދުނު 9:00 އެހާކަންހާއިރު ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް އެރަށު ކައުންސިލް މެމްބަރު އާމިނަތު ސޯލިހާ ވިދާޅުވިއެވެ.

މެމްބަރު ސޯލިހާ ވާދޫ ލައިވް އަށް ދެއްވި މައުލޫމާތުގައި، އަލިފާން ރޯވެފައިވަނީ ތިން ދިމާލަކުން ކަމަށާއި، މި ވަގުތާ ހަމައަށްވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް އަންގާފައިވާ ކަމަށާއި، މިއީ ގަސްތުގައި ބަޔަކު ރާވައިގެން ކުރާ ކަމެއްކަމަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

”ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހިފައި ހުރީ. އަދި ހާއްސަކޮށް ފަތުރުވެރިންނާއި ރަށުން ބޭރުން އަންނަ މެހެމާނުން އެންމެ ޒިޔާރާތްކުރާ އެއްތަނަށް ވެފައި ކައުންސިލުން ވަރަށް ކަންބޮޑުވުން ފާޅުކުރާ ކަމެއް މީ“ މެމްބަރު ސޯލިހާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާ ކަމަށާއި، އަދި ކަމާބެހޭ މިނިސްޓްރީއަށްވެސް މީގެ ކުރިން މި މައްސަލަ ހުށަހަޅާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެވެސް މި ސަރަހައްދުގައި އަލިފާން ރޯވެ، އިކޯ ގާޑަންގެ ބްރިޖް ވޯކްވޭގެ ބޮޑުބައެއް އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. މިހެންވުމާއެކު، ވޯކްވޭ މަތިން ހިނގުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، އެއްވެސް ފަރާތަކުން ވޯކްވޭ މަތިން ހިނގައި ގާޑަނަށް ވަދެ ނޫޅުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.