އަންނަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ،

2025 ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ 1988އަށް ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރާއި އެދުވަހު ޝަހީދުވި އަބްތާލުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.