ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު، އެމްއެންޑީއެފް އަށް އަންނަ އަހަރަށް 2.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހިމަނައިފިއެވެ. މި ބަޖެޓަކީ ގައުމީ ސަލާމަތާއި ދިފާޢު ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމާއި ސަމާލުކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ދިވެހި އަސްކަރިއްޔާގެ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި އަދަދަކީ މިދިޔަ އަހަރުތަކާ އަޅާބަލާއިރު އަސްކަރީ ދިފާޢަށް ކުރާ ހަރަދުގައި ކުރިއެރުމެއް ކަމަށް ވެއެވެ.
މި ބަޖެޓު ހިމަނާފައިވަނީ 2026 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ.
މި ބަޖެޓު ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ތެރެއިންނެވެ.
މި ބޮޑު ބަޖެޓެއް އެމްއެންޑީއެފް އަށް ކަނޑައަޅާފައިވަނީ ގައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ ސަރަހައްދީ ހައްގުތައް ރައްކާތެރިކުރުމަށް ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުންނެވެ. ޚާއްސަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމީ ސަލާމަތަށް ދެއްވާ ސަމާލުކަމުގެ ތެރެއިން، ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ތަމްރީނުތައް ފުޅާކުރުމަށް މި ބަޖެޓުން އެހީތެރިކަން ލިބޭނެއެވެ. ސިފައިންގެ މެންޕަވަރާއި، އާލާތްތައް ތަރައްޤީކޮށް، ގައުމީ ދިފާޢުގެ ނިޒާމު ހަރުދަނާކުރުމަކީ މި ބަޖެޓުގެ މައިގަނޑު މަޤްޞަދެވެ.
މީގެއިތުރުން އަންނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ހާއްސަ ކޮށްފައިވާ ބަޖެޓްގެ ތެރެއިން އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތައް 377.9 މިލިއަން ރުފިޔާ ހާއްސަ ކޮށްފައިވާއިރު، ކޮމްބެޓް އެންޑް މެނޫވަރ ފޯސަސްއަށް 910.2 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ.
ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތައް ދިނުމަށް 1.45 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، ފަންކްޝަނަލް ކޮމާންޑްސްއަށް ދެ މިލިއަން ރުފިޔާ އަދި ކޮމްބެޓަންޓް ކޮމާންޑްސްއަށް 78.7 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ދިފާއީ ކަންތައްތައް ބެލެހެއްޓުމަށް 247.46 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މި އަދަދު ހިިމާނާފައިވާއިރު، މިއީ މި ހިނގާ އަހަރާއި މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މި ހިނގާ 2025 ވަނަ އަހަރު ދިފާއީ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަކޮށްފައިވަނީ 85.6 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މިކަމަށް ހާއްސަކޮށްފައިވަނީ 15.7 މިލިއަން ރުފިޔާ އެވެ.