ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އިންސާނީ ވަޞީލަތްތައް ބިނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދެމުން، 2026 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުން ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކުރުމަށް ވަނީ ހިމަނާފައެވެ. މި ބަޖެޓަކީ ގައުމުގެ މުސްތަގުބަލަށް ހުރި ތައުލީމީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
މި ބޮޑު ހަރަދު ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ތެރޭގައި ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ލިބިގެންދާނެ ގޮތެއް ހެދުމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހުންނަ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައް ހިމެނޭގޮތަށް ތައުލީމީ ހިދުމަތްތައް ފުޅާކުރުމާއި ފެންވަރު ރަނގަޅު ކުރުމަށް މި ފައިސާ ބޭނުންކުރެވޭނެއެވެ.
މިދިޔަ ބްރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
މި ބަޖެޓުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތައުލީމީ އުމްރާނީ ތަރައްޤީއަށް އިސްކަން ދެވޭނެއެވެ. އޭގެ ތެރޭގައި އާ ސްކޫލު އިމާރާތްތަކާއި، އިތުރު ކްލާސްރޫމްތަކާއި، ޒަމާނީ ސައިންސް ލެބޯރެޓަރީތަކާއި، ޓެކްނޮލޮޖީއަށް ބާރުދޭ މަލްޓިމީޑިއާ ރޫމްތައް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މުދައްރިސުންނަށް ބޭނުންވާ ތަމްރީނުތަކާއި، ދުނިޔޭގެ ފެންވަރަށް ތައުލީމީ މަންހަޖު ބައްޓަންކުރުމަށް ވެސް މި ބަޖެޓުން ހަރަދުކުރެވޭނެއެވެ.
ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައިވާ ބަޖެޓުގައި ޕްރީ ސްކޫލް އަދި ފަށާ ތައުލީމަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސާނަވީ ތައުލީމަށް 1.2 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތައުލީމު 218 މިލިއަން ރުފިޔާވަނީ ކަނޑައަޅާފަ އެވެ. އަދި މަތީ ތައުލީމަށް ކަނޑައަޅާފައިވަނީ 831 މިލިއަން ރުފިޔާ އެވެ. މީގެއިތުރުން ތައުލީމީ އެހެނިހެން ހަރުފަތްތަކަށް 108 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، 49 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށް ދެވޭ ސަބްސިޑިއަރީ ހިދުމަތްތަކަށް ހަރަދުކުރުމަށެވެ. އަދި ތައުލީމީ ދާއިރާއިން ރިސާޗާއި ޑިވަލޮޕްމަންޓް އަށް ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ 14 މިލިއަން ރުފިޔާ އެވެ.
ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ހާއްސަކޮށްފައިވަނީ 779 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް 116 މިލިއަން ރުފިޔާ ހާއްސަކޮށްފަ އެވެ. އަދި ސްކޫލްތައް އިމާރާތްކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 598 މިލިއަން ރުފިޔާ ވަނި ކަނޑައަޅާފަ އެވެ.
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވިސްނުމަކީ، ގައުމުގެ އެންމެ ބޮޑު މުއްސަނދިކަމަކީ އިންސާނީ ވަޞީލަތްކަމަށް ދެކި، އެކަން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށްދިނުމެވެ. އެގޮތުން، ތައުލީމީ ދާއިރާއަށް ދެވޭ މި ބޮޑު އިސްކަމަކީ، ދިވެހިރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށްޓަކައި ކުރެވޭ ދުރުވިސްނޭ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ތައުލީމީ ދާއިރާއަށް ކަނޑައެޅުނު މި ބަޖެޓަކީ، ދިވެހި ދަރިވަރުންނަށް އުނގެނުމުގެ ރަނގަޅު މާހައުލެއް ފަހިކޮށްދީ، ގައުމީ ތަރައްޤީއަށް ބޭނުންވާ ހުނަރުވެރި، ދީނީ އަދި ދުނިޔެވީ ތައުލީމު ލިބިފައިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅެކެވެ. މިއީ ދިވެހިރާއްޖޭގެ ތަރައްޤީގެ ރޯޑްމެޕްގައި ތައުލީމަށް ދެވޭ އިސްކަމުގެ ހެއްކެކެވެ.