އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލް ޖަލަށް މަސްތުވާތަކެތި ވެއްދުމުގެ މަސައްކަތްކުރި ފުލުހަކު ހައްޔަރުކޮށް، އޭނާއަށް ދައުވާކުރުމަށްޓަކައި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން މިހާރު ވަނީ އޭނާ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޕޮލިސް ކޮންސްޓަބަލް މުހައްމަދު ނައުފް ނަސީމް (ސ. ހިތަދޫ، ފުނަގެ، 25އ) އެވެ. އޭނާ ހައްޔަރުކުރީ އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ރޭ 22:54 ހާއިރުއެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. ނަމަވެސް، އެ 15 ދުވަސް ހަމަވުމުން ސެޕްޓެމްބަރު 20 ވަނަ ދުވަހު އޭނާ ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، އޮކްޓޯބަރު 13 ވަނަ ދުވަހު ވަނީ ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. ފުލުހުންގެ ޔުނިފޯމުގައި ހުރެ ކަސްޓޯޑިއަލްއަކަށް މަސްތުވާތަކެތި ވެއްދުމަށް މަސައްކަތްކުރި މި މައްސަލައިގައި، ނައުފް ވަނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. މިފަދަ ކުށެއްގައި ފުލުހަކު ހައްޔަރުކުރުމަކީ ފުލުހުންގެ އިތުބާރު ދަމަހައްޓަން ކުރާ މަސައްކަތަށް ލިބޭ ބޮޑު ހީނަރުކަމެއް ކަމަށް ބެލެވެއެވެ.