މިދިޔަ މަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފި އެވެ. މި ފުލުސް އޮފިސަރު ހައްޔަރުކޮށްފައިވަނީ ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގަ އެވެ. އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް، 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ އަންހެނެއް އަދި 20 އަހަރުގެ އަންހެނެއް ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކޮންސްޓަބަލް ރޭންކުގައި ހުރި އަންހެން ފުލުހެއް ހިމެނެ އެވެ.
ބަލައިފާސްކުރި ގެސްޓްހައުސްއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނިފައިވެ އެވެ. ނަމަވެސް، ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މީހުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭނާގެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާދީފަ އެވެ. މިކަމުގެ ސަބަބުން ފުލުހުންގެ ތެރޭގައި ތިބޭ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުން ސީރިއަސްކޮށް މަސައްކަތް ކުރަމުންދާކަން ހާމަވެ އެވެ.