ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރުއެވެ.
މިގޮތަށް ރައީސް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ގައުމާ މުހާތަބު ކުރައްވާނެއެވެ. އަދި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެއެވެ.