މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން މިއަދު ހަވީރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެއެވެ. މި ހާދިސާގައި ޖުމްލަ 14 މީހުން ތިބި ކަމަށް ފުލުހުން ބުނެފައިވާއިރު، އަނިޔާވި ހަ މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 3:55 ހާއިރު ކަމަށެވެ. ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުން ވެސް ވަނީ މިހާރު ފެނިފައެވެ. އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ބިދޭސީއެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗަށް ފުރަތަމަ ގެންދިޔައީ ތިން މީހުންނެވެ. ނަމަވެސް، ފަހުން އިތުރު ތިން މީހަކު ގެންގޮސް ޖުމްލަ ހަ މީހަކަށް އަންނަނީ އިމަޖެންސީގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން ބުނިގޮތުގައި، ފަރުވާ ދެމުން އަންނާތީ ލިބުނު އަނިޔާތަކުގެ ތަފްސީލުތައް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގިއިރު ކޮޅުވެއްޓި ތެރޭގައި މީހަކު ތާށިވެފައި ހުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޯސްޓުގާޑު ޑައިވަރުން ވަގުތުން ހަރަކާތްތެރިވެގެން އެ މީހާ ވަނީ ނަގާފައެވެ.

މީގެ އިތުރުން މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވެއެވެ. އޭގެ ތެރެއިން އެކަކީ ދިވެއްސެކެވެ.

ފުލުހުން ދަނީ މިއަދު ހިނގި ކޮޅުވެއްޓި ބަންޑުންޖެހުމުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.