މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އާންމުންނަށް ހުޅުވާލައިގެން އަސްކަރީ ހުށަހެޅުންތަކެއް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ދައްކާލުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތް ބަލާލުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
އެމްއެންޑީއެފްއިން ހާމަކުރެއްވި ގޮތުގައި، މި އަސްކަރީ ހުށަހެޅުންތައް ކުރިއަށް ދާނީ މާދަމާ ހަވީރު 4:15 ގައެވެ. ހުށަހެޅުންތައް ބަލާލުމަށް ބޭނުންވާ އާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލާނީ މާދަމާ 15:30 އިން ފެށިގެންނެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ވަނީ ގިނަ ހަރަކާތްތަކެއް ރާވައިފައެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދާނެއެވެ.
މީގެ އިތުރުން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭގައި މި ހަރަކާތްތައް ކުރިއަށްދާއިރު، އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަސްރުގެ ދުވަހުގެ ދުވުން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.