”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށާ، ދާދި އަވަހަށް ޖުޑީޝަރީއިން އެކަން ނިންމަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމާ މުޚާތަބުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ”ވާނުވާ ބަންދުގައި“ ބަޔަކު ތިބެގެން ނުވާނެކަމަށާ، ކޯޓު މަރުހަލާގެ ތެރެއިން ނިންމަންޖެހިފައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމެވުމަށް ގޮވާލައްވައި، ޢަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު އެކަން އެގޮތަށް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމަށެވެ.

”ވާނުވާ ބަންދު“ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށާ، ސަރުކާރުން މިހާރުވެސް މި ރޮނގުން މަސައްކަތްތައް ކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަކިރައްވާފައެވެ.

އެގޮތުން ޖުޑީޝަރީގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން ކޮށްދޭންޖެހޭކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ޤާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޝަރުޢީ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައި ކަމަށެވެ.