ރ. ވާދޫއަށް ފަންގަންނަ ބަޔަކު އަންނާތީ ފަންނެރުމަށް އެދިއްޖެއެވެ.

ރ. ވާދޫގައި ކަނބަލުން ވިންނަ ފަންބޮނޑިތައް އާންމުކޮށް ވިއްކަނީ ރިސޯޓުތަކަށެވެ.

އަމިއްލަ ފަރާތަކުން ފަން ގަންނަން އަންނާތީ ފަން ނެރުމަށް އެދިފައިވަނީ ވާދޫ ބަނދަރު ސަރަހައްދަށް މިއަދުގެ 18:00 އަށެވެ.

ފަން ގަންނަ އަގަކީ ބޮނޑިއަކަށް 107 ރުފިޔާއެވެ.

މިފަހުން ފަން ގަންނަ އަގު އުފުލިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވިންނަ ފަން ވިއްކައިގެން ލިބޭ އާމްދަނީ މަދުކަމަށް ބުނެ ފަންގިވިންނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވާދޫ އަކީ މިއަތޮޅުގައި އެންމެ ގިނައިން ފަންގިވިންނަ އެއް ރަށެވެ.

އިތުރު މަޢުލޫމާތު:

ރޯނުވެށުން

ރޯނުވެށުމަކީ ދިވެހިންގެ ވަރަށް ހުނަރުވެރި މަސައްކަތެކެވެ. މިއީ ލީލި ފަށެއް މެދުން ލަނބާލައިގެން ދެފަށް އަތުން ހަރުކުރުމަށްފަހު،ދެފަށް  އެއްކޮށް ވަށާ ވެށުމަކަށް ކިޔާ ނަމެކެވެ. މިދެފަށް ގުޅުވަމުންގެންދާއިރު ކުރުވުމުން އަލުން ދެފަށް ގުޅުވަމުންގެންގޮސް ދިގުކުރާނީއެވެ. ރޯނުވެށުމަށްޓަކައި ވަރަށް ގިނަ ހަރުފަތްތައް ގިރާ ކުރަން ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ރުކުން ގަބުޅި ނުވަތަ ހަރު ކުރުނބާ އަޅާ އެތަކެތި ހެހެ އެއިން ބޮނބި ނަގައެވެ. އަދި އެ ބޮނބިތައް މޫދަށް ލައިގެން އެފާކުރަން ޖެހެއެވެ. އެރއަށްފަހު އެބޮނބިތައް ފާވުމުން ނަގައި އެބޮނބިތައް ތަޅާ އެއިން ނަތުތައް ވަކި ކުރެއެވެ. ދެން އެންމެ ފަހުން މިނެގި ބޮނބިނަރުތައް ފިނދާ އެ ވަކިނަރުތައް ބޭނުންކޮށްގެން ރޯނުވަށައެވެ.ރޯނު ވެށުމަށްފަހު ރޯނުން ފޯލި ހަދައެވެ. ފޯއްޔެއްގައި އިންނާނީ 12 ފަށެވެ. އަދި މީގެ 12 ފޯލިހަމަކޮށް ރޯނު ބޮނޑިއަކަށް ހަދައެވެ. މިއީ ބުރަ މަސައްކަތެކެވެ.  . ނަމަވެސް ދިވެހިން އާންމުދަނީ ހޯދުމަށް ކުރާ ބުރަ މަސައްކަތެކެވެ. މިމަސައްކަތައް އެންމެ މޮޅީ ހދ. ކުޅުދުއްފުށީ މީހުންކަމުގައި ވެއެވެ.

ފަންގިވިނުން

ފަންގި ވިނުމަކީ ދިވެހި އަންހެނުންނާއި ފިރިހެނުން ޒަމާނުންސުރެ ކޮށްއުޅޭ މަސައްކަތެކެވެ. ފަންގިވިނުމަކީ ދޮން ފަން ކިރިއްސައިގެން، އެ ފަންވަތްތައް ދިގު ތިން ކަށިން ނުވަތަ އިލިން ތިން ގަނޑު ރޯނަށް އެމުނުމަށް ކިޔާ ނަމެކެވެ. ކުރީޒަމާނުގައި ތަންތަން ހިޔާ ކުރުމަށާއި ގޭގޭގެ ބިތްތަކުގައި ޖެހުމަށް ފަންގި ބޭނުން ކުރެއެވެ. މިހާރުގެ ފަންގަނޑެއްގެ ދިގުމިނަކީ 4 ފޫޓެވެ. 4 ފޫޓުގެ 4 ގަނޑު ފަން އެއްކޮށްލާ ބޮނޑިއަކަށް ބަނުމުން ފަން ބޮނޑިއެއް ހަމަވީއެވެ. ކުރީ ޒަމާނުގައި 10 ރުފިޔާއަށް ވިއްކާ އުޅުނު ފަންބޮނޑިއެއްގެ މިހާރުގެ އާންމު އަގަކީ 80 ރުފިޔާއެވެ. މިއީ ރައްރަށުގައި މިހާރުވެސް އާއްމުދަނީ ހޯދުމުގެ ގޮތުން ގިނަ މީހުން ކުރާ އެއް މަސައްކަތެވެ.