ރ. ވާދޫ ޕްރޮމޯޓްކުރުމަށް ’ވާވެރިންގެ ވާދޫ‘ ގެ ނަމުގައި ލަވައެއް ނެރެފިއެވެ.

’ވާވެރިންގެ ވާދޫ“ މި ލަވަ އަކީ ރަށުގެ ތާރީޚާއި ހާއްސަ ކަންކަން ބުނެދިނުމުގެ ގޮތުން މިރަށަށް ނިސްބަތްވާ ޒިދާން މުހައްމަދު ލިޔެފައިވާ ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ، ހދ. ނޮޅިވަރަމްފަރަށް ނިސްބަތްވާ ނާއިމް އަލީއެވެ.

“ވާވަރީން” އަކީ ކުރީ ޒަމާނުގައި ރާއްޖޭގެ ޖަންގަލީން އެއްކުރާ ގުދުރަތީ އުފެއްދުންތައް، ކަމަށްވާ ކާށި، ބޮނބިއަދި އެހެނިހެން ކޮންމެހެން ބޭނުންވާ ތަކެތި ވިއްކާ ދިވެހިންނަށް ކިޔާ ނަމެކެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު، ވާދޫއަކީ ރާއްޖޭގެ ފުރަތަމަ ރަސްގެފާނު ކަމަށްވާ، ކޮއިމަލާ، އެރަސްގެފާނުގެ ވާފުދާއެކު ރާއްޖެ ވަޑައިގަތުމުން، އެ ވަފުދުގައި ތިއްބެވި ވާވެރިން ވަޒަންވެރިވި ރަށެވެ.

ދިވެހި ތާރީހުގައި ލިޔެވިފައިވާ ގޮތުގައި، އަޅުން ރ. އަނގޮޅިތީމަށް ފޭބިއިރު، ޝާހީ ވަފުދުން ފޭބީ ރ. ރަސްގެރީމަށެވެ. އަދި މި ބުނާ ވާވެރިން ނުވަތަ ވިޔަފާރިވެރިން ފޭބީ ވާދޫއަށެވެ.

ވާދޫ އަށް ވާދޫ ކިޔުނީ މިރަށް ރަށެއްގެ ގޮތުގައި ބިނާކުރުމުގެ ބުރަ މަސައްކަތްކުރި ވިޔަފާރިވެރިން ކަމަށްވާ، ވާވެރިންގެ ނަމުންނެވެ.

ވާވެރިންގެ ވާދޫ ލަވައިގައި، ވާދޫގެ ހިތްގައިމު ކަމާއި، ވާދޫގެ ކުރީ ޒަމާނުގެ ވާހަކަތަކާއި ރަށުގެ ފުރިހަމަ މެހެމާންދާރީގެ ވާހަކަތަކަށް ވަނީ އަލިއަޅުވާލާފައެވެ. މި ލަވަ ސައުންޑްކްލައުޑް އިން އަޑު އަހާލެވޭނެއެވެ.