ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ. މި ބިލު ފާސްކޮށްފައިވަނީ  މެމްބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވުން ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުން ހިމެނެއެވެ.

އެގޮތުން ގެނެވުނު ބައެއް އިސްލާޙްތަކުގެ ތެރޭގައި، ޤާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތަޢާރުފުކުރުން ހިމެނެއެވެ.

ހަމަމިއާއެކު، ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖަޢާކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން ހިމެނެއެވެ.

އެގޮތުން އަލަށް އަމަލުކުރަން ފަށާ އިސްލާހުތަކުގައި ހިމެނެނީ؛

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ މޯހަކަށް މައާފު ދިނުމެއް ނޯންނާނެ

މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭނީ، ސުޕްރީމް ކޯޓުން ބަލާ ފަނޑިޔާރުންގެ އިއްތިފާގުން މަރުގެ އަދަބު ދޭން ހުކުމް ކުރުމުން

ހުރިހާ ފަނޑިޔާރުންވެސް، މަރުގެ އަދަބު ދޭން އެއްބަސްވާންޖެހޭ، އެންމެ ފަނޑިޔާރަކުވެސް ދެކޮޅު ހަދާނަމަ އެ މީހަކަށް ލިބޭނީ ގާނޫނުގައި މިހާރު  އޮންނަ އަދަބު

މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ބޭރުކުރަން އުޅުން އަދި އެކަމުގައި އެހީތެރިވެދީ އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ، އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފަ.

އަދިއެހެންމެ، މަރުގެ އަދަބު ކަނޑައެޅުމަށް ހުކުމް ކުރާއިރު، ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗަކީ އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އެތެރެ ކުރި އެއްޗަކަށްވާން ޖެހެއެވެ.

މަރުގެ އަދަބު ކަނޑައެޅުމަށް ހުކުމް ކުރާއިރު ވަކިވަރަކަށް ގުރާމް ހަމަވާންޖެހެއެވެ. އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 ގްރާމަށްވުރެ އިތުރު ކެނަބިސް ނުވަތަ ނުވަތަ 250 ގްރާމްށްވުރެ ގިނަ ޑައިމޯފިންއަށް ވާންޖެހެއެވެ.

އަދި ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައި ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ އިތުރުވާންޖެހެއެވެ.