ރ. އަލިފުށީ ރަސްމީ ފުޓުބޯޅަ ދަނޑުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
އެ ކައުންސިލުން ބުނީ އަލިފުށީ ރަސްމީ ފުޓުބޯޅަ ދަނޑުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާންގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުން އޮންނާނީ 2025 ޖުލައި 23 ވާ ބުދަ ދުވަހުގެ 11:00 ގައި އަލިފުށީ ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓު 3 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
ބިޑް ރަޖިސްޓްރީ ކުރުން ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 20އިން ފެށިގެން 2025 އޮގަސްޓު 3 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް އޮންލައިންކޮށް އިއުލާންގައި ހިއްސާކޮށްފައިވާ ފޯމް ފުރިހަމަކުރަންވާނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.
އަލިފުށީ ކައުންސިލުން ބުނީ ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ.
