އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅުނު ދެވަނަ މެޗުގައި ރ. ރަސްމާދޫ އަތުން ހަނިގޮތަކަށް ބަލިވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ 8:30ގައި ފަށައިގެން ރަސްމާދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ރ. ވާދޫ އެފްސީގެ މައްޗަށް މުބާރާތް ހޯސްޓުކުރާ ރަށް ރަސްމާދޫ ކުރިހޯދީ 1-2ގެ ނަތީޖާއަކުންނެވެ.
އަރުތަ ފުޓްސަލް މުބާރާތް 2025 ރ. ވާދޫ އެފްސީ ކުޅުނު ފުރަތަމަ މެޗުން އަތޮޅުގެ ގަދަ ބާރެއް ކަމަށްވާ އިނގުރައިދޫ އަތުންވެސް ވަނީ ބަލިވެފައެވެ.
އަތޮޅުގެ އެންމެ ވަރުގަދަ ދުވާފަރަށް ފަހު ރ. އަތޮޅުގެ އެންމެ ގަދަބާރު އިނގުރައިދޫއިން މިމެޗުން ކުރި ހޯދީ، 6-0ގެ ނަތީޖާއަކުންނެވެ.
ދެ އަހަރު ދުވަހަށް ފަހު މިމުބާރާތަށް އެނބުރި އައި ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން މިޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާއެކުގައިކަން ކުޅުންތެރިން މި ދެ މެޗުގައި ދެއްކި ކުޅުމުންވެސް ފެނިގެންދިޔައެވެ.
މިއީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.

ރަސްމާދޫގައި ކުރިއަށްދާ މިމުބާރާތުގައި ޖުމުލަ 11 ރަށަކުން ބައިވެރިވެއެވެ.
އެ 11 ރަށަކީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫ
މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވި ފަހަރުކަމުގައި ފާހަގަކޮށްލެވެއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.
އެންމެ ފަހުން ރިވިއުކުރީ: މެނޭޖިންގ އެޑިޓަރ ޒިދާން މުޙައްމަދު
