އާންމު ރައްޔިތުން ދެކޭ ގޮތުގައި ރައްޔިތުން މަޖިލިސް މެންބަރުންގެ މުސާރައަކީ އެއްލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ ކަމަށް ވިޔަސް ހަގީގަތުގައި ލިބޭ މުސާރައަކީ 42،500 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރ ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިވަގުތު ލިބެމުންދަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މުސާރައެއް ނޫން ކަމަށް އެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ 11 އޮގަސްޓް 2025ގައި ސިފަކުރައްވާފައެވެ.
”އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން،“ އަލިފުށި ދާއިރާގެ މެންބަރ ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު
އާންމުންނަށް އެނގިފައި އޮންނަނީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ ވަރަށް ބޮޑު މުސާރައެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވެސް ވިދާޅުވިއެވެ. ނަމަވެސް، މަސް ނިމޭއިރު ކޮންމެ މެންބަރަކު ވެސް ތިބެނީ ނުތަނަވަސް ހިސާބެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
”މާލެ އެރީއާގައި ދިރިއުޅެން މި ޖެހެނީ. ލިބޭ އެލަވަންސަކަށް މި ލިބެނީ 20،000 ރުފިޔާ. އަޅުގަނޑުމެން މަޖިލިސް މެންބަރަކަށް ވީމައި އަދި އޭގެ ކުރިން ވެސް އުޅެން މި ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައި. އެއި މިހާރު 24،000 ރުފިޔާ. މާނައަކީ 20،000 ރުފިޔާގެ އިތުރުން، އަތުން މިލަނީ 4،000 ރުފިޔާ،“ މެމްބަރ ރިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރ އިސްމާއީލް ޝަފީއު ވިދާޅުވީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައިގެން ހޮވިފައި ތިބީ ކަނޑަށް ނުކުތުމުން ރާޅު ޖަހާނެކަން ގަބޫލުކޮށްގެން ކަމަށާއި ނަމަވެސް ނިންމާ ކަންކަމުގެ ހަގީގަތް މީޑިއާތަކުން އޮޅުވާލާ ކަމަށެވެ.
”މިފަދަ ކަންކަމަކީ ޕަބްލިކްގެ ޕްރެޝަރު ވަރަށް ބޮޑަށް އައިސްދާނެ ކަންކަމަށްވާތީ މަޖިލީހުން ވެސް އެބަޖެހޭ އަޅުގަނޑުމެން ދައްކާ ވާހަކަ ޒިންމާދާރު ގޮތެއްގައި އަންގަދޭން ނުވަތަ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތަފްސީލީ ގޮތަކަށް ހާމަވެގެންދާނެ ގޮތަކަށް އަމަލުކުރަން، މެމްބަރ ޝަފީއު ވިދާޅުވިއެވެ.
ގަވާއިދަށް ބަދަލުތައް ގެންނައިރު މަޖިލީހުގައި ކުރާ މަސައްކަތްތަކާއި ދައްކާ ވާހަކަތައް ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
”މަޖިލިސް މެންބަރުންގެ މުސާރަ އާންމު ރައްޔިތުންނަށް މީގެ ކުރީގައި ވެސް އަދި މިއަދު ވެސް ގަބޫލު ކުރެވެނީ އެއީ ވަރަށް ބޮޑު މުސާރައެއްގެ ގޮތުގައި، 80،000 ނުވަތަ 90،000 ރުފިޔާ ކަމަށް. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. އޭގެ ޒާތުގައި ވަޒީރަކަށް ވުރެ ވެސް ބޭސިކް ސެލަރީ ކުޑައޭ،“ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރ އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމުމަށެވެ. އެ ހުށަހެޅުމަށް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވިއެވެ.
