މިއާންޒް ކޮލެޖުން ބެޗެލަރ އޮފް ސައިންސް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެންޑް މެޝިން ލާނިންގ ތައާރަފުކޮށްފިއެވެ.
މިއާންޒް ކޮލެޖުން ބުނީ، އެ ކޮލެޖުގެ ތަސައްވުރަކީ އެ ކޮލެޖްގެ ދަރިވަރުންނަކީ އޭއައި ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އޭއައިގެ އުފެއްދުންތެރިންނަށް އެ ދަރިވަރުން ވުމެވެ. މިއަމާޒާއި ތަސައްވުރުގައި އިއުލާންކުރި ބެޗެލަރ އޮފް ސައިންސް އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެންޑް މެޝިން ލާނިންގއަކީ ރާއްޖޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑިގްރީ ޕްރޮގްރާމެވެ.
މި ކޯސް ތައާރަފުކުރީ، އެ ކޮލެޖަށް 19 އަހަރުފުރުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ހާއްސަ ހަފުލާއެއްގެ ތެރެއިންނެވެ. މިކޯހުގެ އިތުރުން، ތައުލީމީ ދާއިރާގެ ލީޑަރުން ބިނާކުރުމަށް، މާސްޓަރ އޮފް އެޑިޔުކޭޝަންގެ ތަފާތު ދެ ޕްރޮގުރާމެއް މުޅިން އަލަށް އެ ކޮލެޖުން ވަނީ ތައާރަފުކޮށްފައެވެ. އެއީ މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް) އަދި މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް ޕޮލިސީ އެންޑް ޕްލޭނިންގ)އެވެ.
އަދި ބެޗެލަރ އޮފް ބިޒްނަސް މެނޭޖްމަންޓު ޕްރޮގުރާމްގައި ދަރިވަރުން ހާއްސަވުމަށް ހިޔާރު ކުރެވޭނެ ހަތަރު ދާއިރެއް ވަނީ ހިމަނައިފައެވެ. އެއީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާއި ފައިނޭންންސް، ޕްރޮޖެކްޓް މެނޭޖުމަންޓު އަދި މާކެޓިންއެވެ. ކޮމްޕިއުޓަރ ސައިންސަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނައިރު، މިއާންޒް ކޮލެޖުގެ ބެޗެލަރ އޮފް ކޮމްޕިއުޓާ ސައިންސް ޕްރޮގްރާމް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެއީ ފުލް-ސްޓެކް މޮބައިލް ޑިވެލޮޕްމަންޓު، ވިންޑޯސް އެޕް ޑިވެލޮޕްމަންޓް ނުވަތަ ވެބް ޑިވެލޮޕްމަންޓް އަދި ޑިޖިޓަލް ޓެކްނޮލަޖީގެ ތެރެއިން އެއް ދާއިރާއަކުން ހާއްސަވުމުގެ ފުރުސަތު ދޭ ޕްރޮގްރާމެކެވެ.
އެ ކޮލެޖްގެ ރަޖިސްޓްރާ ޑރ. ޝުޖާއު ޖީ. މޭރީ ވިދާޅުވީ އެމްއައި ކޮލެޖުގެ އާ ޕްރޮގުރާމުތައް ފަރުމާކުރީ ރާއްޖޭގެ މާކެޓަށް މިހާރު ބޭނުންވާ ހުނަރުތައް ދަނެގަނެ، ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޓެކްނޮލަޖީއާ އެކު ޒަމާނަށް އައިސްފައިވާ ކުރިއެރުމާއި ބަދަލުތަކާ އެކު މަސައްކަތް ކުރެވޭނެ ހުނަރުތަކާއި އިލްމު ލިބޭނެ ގޮތަށް ވެސް ބެލި ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހުޅުވާލާފައިވާ މިއާންޒް ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި މިކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތު ލިބެއެވެ.

މިއާންޒް ކޮލެޖަށް 19 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި، އެ ކޮލެޖް ރީބްރޭންޑްކޮށް، އެކަން ރަސްމީކޮށް އިއުލާންކުރިއެވެ. މިގޮތުން ކޮލެޖުގެ އައު ތަސައްވުރާއި ބްރޭންޑިންގ ވަނީ ދައްކާލާފައެވެ. އަދި ޒަމާންވީ އެމްއައި ކޮލެޖުގެ ނިޝާންގެ ބަދަލުގައި ބޭނުންކުރާނެ މިއާންޒް ކޮލެޖުގެ އައު ނިޝާންވެސް ވަނީ ތައާރަފުކޮށްފައެވެ.
މީގެ އިތުރުން، ”ރަން އުނދޯލި“ މިނަމުގައި އައު ސްކޮލަރޝިޕް ޕްރޮގްރާމެއްގެ އިތުރުން، އިސްދަރިވަރުންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުން، ލެގަސީ ޕްރޮގުރާމެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން އެ ކޮލެޖުގެ އިސް ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓާއި އިނާޔަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިއާންޒް ކޮލެޖުގެ ދަރިވަރުންގެ ސްޓޫޑަންޓް ކާޑަށް ޑިސްކައުންޓު ލިބޭ ހުރިހާ ފިހާރަތަކަކުންވެސް އިސް ދަރިވަރުންނަށް ވެސް ޑިސްކައުންޓު ލިބޭނެ ކާޑެއް ތައާރަފުކުރުމެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އެ ކޮލެޖުގެ އިސް ދަރިވަރުގެ އާއިލާގެ ފަރާތެއް ކޯހަކަށް އެޕްލައިކޮށްފި ނަމަ އެ މީހަކަށް އިސްކަން ދޭނެއެވެ. އަދި އިސްދަރިވަރެއްގެ އާއިލާގެ މީހަކު އެ ކޮލެޖުގައި ކިޔަވާ ނަމަ ކޯހުގެ ފީން ޑިސްކައުންޓު ލިބޭނެއެވެ.
މިއާންޒް ކޮލެޖު (މިއާންޒް އިންޓަނޭޝަނަލް ކޮލެޖު)އަކީ ޖުލައި 2006 ގައި ވުޖޫދުވި ކޮލެޖެކެވެ. އެ ކޮލެޖުގެ ޕްރޮގްރާމްތަކަކީ ރާއްޖެ އަށް ބޭނުންތެރި ދާއިރާތައް ދިރާސާކުރުމަށް ފަހު، އެ ކަންތައްތަކަށް ހާއްސަކޮށް އެކި ޕްރޮގްރާމްތައް ހިންގާ ކޮލެޖެކެވެ.
އެ ކޮލެޖަކީ ރާއްޖެއަށް ދަނޑުވެރިކަމުގެ އިލްމު ބޭނުންވާކަން ދަނެގަނެ، އެ ތައުލީމު ދޭން ފެށި ފުރަތަަމަ ކޮލެޖު ވެސް މެއެވެ. އެ ކޮލެޖުން މިހާތަނަށް 12،173 ދަރިވަރުން ކިޔެވުން ފުރިހަމަކޮށް ވަނީ ދަސްވެނިވެފައެވެ.
ހަމައެހެންމެ، އިސްދަރިވަރުންގެ ޖަމިއްޔާ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ ކޮލެޖުން ވަނީ އިއުލާންކޮށްފައެވެ.
ކޮލެޖަށް 19 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި، ކޮލެޖުގެ އެހާރާއި މިހާރުގެ ވެރިންނާއި، މުވައްޒަފުން، ދަރިވަރުން އަދި އިސް ދަރިވަރުންގެ ގޮތުގައި، މިއާންޒް ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަންގެ ކުރީގެ ރައީސުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެ ކޮލެޖުގެ ފައުންޑިންގ ރެކްޓަރ ޑރ. އާމާލް އަލީއެވެ.
