- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި 25 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ދޫކުރި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމްޕީއެލް ސަރަޙައްދާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު މިއަދު 15:44 ގައި ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ޖުމްލަ ހަ މީހަކަށް އަނިޔާވެފައިވާއިރު، އެންމެހާ އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ އިތުރަށް ހާމަކުރައްވާފައެވެ.
ފުލުހުން ފަހުން ދެއްވި މަޢުލޫމާތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނަށް ކަމަށާއި، އެ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި ހާދިސާގައި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ 32 އަހަރުގެ މަސްޢޫދް ޙުސައިން ނިޔާވެފައިވާކަންވެސް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މި ހާދިސާގައި އަނިޔާވި ދިވެއްސަކަށްވެސް ބޮޑެތި އަނިޔާނިޔާތަކެއްވެ، އޭނާގެ ޙާލަތު ސީރިއަސްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ބާވަތް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ފާއިތުވި މަހު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ކަނޑުގަދަވުމުގެ ސަބަބުން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ތިން ބިދޭސީން ނިޔާވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.