މާލޭ  ގުދަނެއްގެ ފުރާޅުމައްޗަށް  ހައްވާ ޔުމްނު ރަޝީދު  ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި،  ރައުދު ޒިލާލުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ރައުދުގެ މައްޗަށް އުފުލާފައިވަނީ، ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. 

އެއީ ގާނޫނީގޮތުން ބަލާނަމަ އެއް މަހާއި  ހަ ދުވަހުގެ ޖަލުގެ ހުކުމެކެވެ. ރައުދު ވަނީ މީގެ ކުރިން  ބޭއްވި އަޑުއެހުމުގައި އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބު ލުއިކޮށްދިނުމަށެވެ.

ރައުދު އަށް އިއްވި ޖަލު ހުކުމުގެ މުއްދަތަކީ 27 ދުވަހެވެ. އެހެންނަމަވެސް، ރައުދު ވަނީ އެ މުއްދަތަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައެވެ. ރައުދު ބަންދުގައި ހޭދަކޮށްފައިވަނީ އެއް މަހާއި 3 ދުވަހެެވެ.

ރައުދު ފުރަތަމަ ބަންދުކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ. އެފަހަރު އޭނާގެ ބަންދަށް ޖެހީ 5 ދުވަހެވެ. އެއަށްފަހު، އޭޕްރީލް 30  ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަރު ފުރިހަމަ ކުރުމަށްފަހު 10 މެއިގައި އަނެއްކާވެސް 5 ދުވަހަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އޭގެފަހުން، 15 މެއި ގައި  20 ދުވަހަށް  އޭނާ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. ނަމަވެސް ހަމަ އެ  މަހުގެ 23 ގައި އޭނާ ބަންދުން ދޫކޮށްލާފައިވާއިރު، ހަމަ އެ ދުވަހު އަނެއްކާވެސް ވަނީ ބަންދުކޮށްފައެވެ. އެފަހަރު އޭނާ ބަންދުުކުރީ 8 ދުވަހަށެވެ.

ދެން އޭނާ ބަންދުން ދޫކޮށްލީ ، 28 މެއިގައެވެ. އެ ފަހަރު އޭނާ 5 ދުވަހަށް ވަނީ ހައްޔަރުގައި ބަހައްޓާފައެވެ.

ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ އުޅުނު ޒުވާނާއެވެ. އެރޭގައި ޔުމްނު އާ ރައުދުވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ރައުދު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ.

ނަމަވެސް، ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދުވަނީ ހައްޔަރުކޮށްފައެވެ.

ފުރާޅުން ވެއްޓި ޔުމްނުއަށްވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ 25,000 އެމެރިކާ ޑޮލަރު (385,500 ރުފިޔާ) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.