ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށްބުނެ، ހިތްހަމަ ނުޖެހުން ފާޅުކޮށް، މަސްވެރިން އިހުތިޖާޖަށް ނިކުމެއްޖެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހު، ގިނަ އަދަދެއްގެ މަސްވެރިންނާއި މަސްދޯނިތައް ވަނީ މާލޭ ކަންނެލި ޖެޓީ ސަރަހައްދަށް ޖަމާވެ، އިހުތިހާޖުކޮށްފައެވެ.ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މި އިހުތިޖާޖުގައި 40 އަށް ވުރެ ގިނަ ދޯނި ވަނީ ކަންނެލި ޖެޓީއަށް ޖަމާވެފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ކޯސްޓްގާޑުވެސް ހަރަކާތްތެރިވިއެވެ.
މި އިހުތިޖާޖުގައި މަސްވެރިން މައިގަނޑު ގޮތެއްގައި ގޮވާލީ3 ކަމަކަށެވެ. އެއީ:
ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން
މަސްވެރިންނަށް ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުން
ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން
މި ކަންކަމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައި، ރައީސް ވައުދުވެވަޑައިގެންފައިވާ ކަންކަމަށް ވާތީވެ،ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ ކަންބޮނޑުވުން ފާޅުކޮށްފައެވެ. އިހުތިޖާޖުގައި ޝުއޫރު ފާޅުކުރަމުން މަސްވެރިން ގޮވާލީ މިކަންކަން ހައްލުކޮށް ނުދެއްވަނީސް، އެނބުރި ނުދާނެ ކަމަށެވެ.
މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށާއި މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މީގެެއިތުރުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ހާއްސަ އިރުޝާދުފުޅާއެކު، މާލޭ ސަރަހައްދުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސަވައިފައިވާކަމަށެވެ. އަދި ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަށް ފުއްދަވައިދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ