ބޮޑު ކަންނެލީގެ މަސްވެރިން ޔުނިއަންގެ ކެޔޮޅުންގެ ޓީމުން މިނިސްޓަރު ޝިޔާމްއާ ބައްދަލުކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީއަށް ހާޒިރުވެއްޖެއެވެ.

އެގޮތުން، މިނިސްޓްރީގެ ތެރެއަށް މިނިސްޓްރާ ބައްދަލުކުރެއްވުމަށް އެތެރެއަށް ވެއްދުމަށް ހުއްދަ ދީފައިވަނީ 20 މީހުންނަށެވެ. މިނިސްޓްރީގެ ބޭރުގައި މަޑުކޮށްގެން ހުރި ބޮޑު ކަންލީގެ ކެޔޮޅަކު ވާދޫ ލައިވް އަށް މައުލޫމާތު ދެމުން ބުނީ އެތަނުން ދާނީ މިނިސްޓްރީއިން އެމީހުންގެ ކަންބޮނޑުވުންތަކަށް ޖަވާބުދާރީވުމުން ކަމަށެވެ.

ކެޔޮޅު ބުނީ އެތަނަށް ދިޔައީ އަޑުގަދަކޮށް ހަޅުތާޅު ހަދަން ނޫންކަމަށާއި އެތަނަށް ދާން މަޖުބޫރުވީ ހައްގުތައް ހޯދުމަށް ކަމަށެޗެ.

“ މިއީ އަޅުގަނޑުމެންވީ ވައުދެއް ނޫން . މިއީ ރައީސުލްޖުމުހުރިއްޔާ ރައީސް ކަމަށް އަންނަންވެގެން އޭނާ ހޮވެންވެގެން ވީ ވައުދެއް. 80 ރުފިޔާއާ 100 ރުފިޔާއަމެދު އަގު ހެދުމަކީ. އަޅުގަނޑުމެންގެ ހައްޔަރީންވެސް ދޫކޮށްލުމަށް ގޮވާލަން.”

ކެޔޮޅު ބުނީ އެންމެ ކަންބޮނޑުވުމަކީ މަސްވެރިންގެ އަތުން ގަންނަ މަސް ނުހައްގު އަގު ގަތުން ކަމަށެވެ. މަސްގަނެފަ ލިބޭ ލާރިކޮޅު ވެސް އެއްފަހަރު 50،000 އަނެއް ފަހަރު، 30،000، އަނެއްފަހަރު 20،000  ދީފާނެ ކަމަށާއި އެގޮތަށް އެތައް ޕޭމަންޓެއް ބަހާލައިގެން ލައްކައެއްހާ ރުފިޔާ ދެވެނީވެސް ދެތިން މަސް ފަހު ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އޮޑިވެރިންނާއި ފަޅުވެރިންވެސް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ކެޔޮޅު ވަނީ ބުނެފައެވެ.

މަސްވެރިންގެ ދުވަހުން ފެށިގެން ބޮޑު ކަންނެލީގެ މަސްވެރިން ދަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުއުފައްދާ ކަމަށް ބުނެ އިހުތިޖާޖު ކުރަމުންނެވެ. މަަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.