ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ހުރި ހުދު ރޮނގުތައް ފަނޑުވަމުން ދާތީ، ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން އެ ރޮނގުތައް ފަވާލައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މީގެ ކުރިން ވެސް ދަނޑުގެ މެއިންޓެނެންސް ބައެއް މަސައްކަތްތައް އިސްނަގައިގެން ކޮށްފައިވާ ޒުވާނުންގެ ގުރޫޕަކުންނެވެ. ”ގަބުރު ޓައުން“ގެ ނަމުގައި ވާދޫގައި މަޝްހޫރު ޒުވާނުންގެ މި ގުރޫޕުން މީގެ ކުރިން ކުރި މިފަދަ ބައެއް މަސައްކަތްތަކަށް ބަލާއިރު، ދަނޑުގެ ވަށައިގެން ހުރި ވިނަގަނޑު ބޯވުމުން ވިނަ ނޮޅުމާއި ދަނޑު ހިމެނޭ ސަރަހައްދު ސާފުކުރުން ފާހަގަކުރެވެެއެވެ.
ރ. ވާދޫގައި ސްޕޯޓްސް އެރީނާއެއް ތަރައްގީކުރަން ވާދޫ ކައުންސިލުން ފަށާފައިވާއިރު، ފުޓްސަލް ދަނޑުގެ އިތުރުން ވޮލީ ކޯޓެއް ވެސް އެ ތަނުގައި ތަރައްގީކުރިއެވެ.
އެކަމަކު ވާދޫ ކައުންސިލަށް ވޮލީ ކޯޓު ނުބެލެހެއްޓި މިހާރު އެ ސަރަހައްދު ވަނީ ގަސް ބޯ ޖަންގައްޔަކަށް ވެފައެވެ. ފުޓްސަލް ދަނޑު ބަލަހައްޓަމުން ދަނީ ވާދޫގައި ތިބި މިފަދަ ނަމޫނާ ޒުވާނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތުންނެވެ.
ވޮލީ ކޯޓުގެ އިތުރުން، ވާދޫގައި ޒުވާނުންނަށް ހާއްސަކޮށް 2016 ވަނަ އަހަރު ގާއިމުކޮށްދިން ފިޓްނެސް ސެންޓަރު ވެސް މިހާރު ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.
ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވި ގޮތުގައި އެތަން މަރާމާތުކޮށް އާ މެޝިނަރީތައް ގެނެވޭނީ އެ ކަމަށް ބަޖެޓެއް ހަމަޖެހުމުންނެވެ. މިވަގުތު އެ ކަމަށް ބޭނުންވާ ވަރަށް ފައިސާ ކައުންސިލްގައި ނެތެވެ.
