ރ. ވާދޫގައި ކަރަންޓްގެ ޚިދުމަތް ހަރުދަނާކުރުމަށް މުޅިން އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މިއަދު ވާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަނުގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ފެނަކަ ކޯޕަރޭޝަންގެ އަހުމަދު ސައީދު މުހައްމަދު އެވެ.
މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލްގެ އިސްވެރިންނާއި ވާދޫ ފެނަކަ ގޮފީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފެެެނަކައިގެ ރ. ވާދޫ ބްރާންޗްގެ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް (6 މަސް ދުވަހަށް) 9 މީހުން ހޯދާފައި ވެއެވެ.
މި އިންޖީނުގެ އިމާރާތްކުރަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވާދޫ ދެކުނު ކޮޅުގައެވެ.
މީސްމީޑިޔާގައި ހަގީގަތް އޮޅުވާލުމަށް މިއީ ކައުންސިލް އިންތިހާބާ ދިމާކޮށް ފެށި މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފެތުރި ނަމަވެސް، މި ކަމަކީ ދުރާލާ ޕްލޭން ކުރެވި، އަދި އިއުލާން ކުރެވިގެން ފެށިފައިވާ މަސައްކަތެއް ކަމަށް ފެނަކައިން ބުނެއެވެ.
މި ސަރުކާރު އައި ފަހުން ހަލުއި ކަމާއެކު ވާދޫގައި ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
