ރ. ވާދޫ އަންހެނަކާ އިނދެފިނަމަ ދިރިއުޅޭ ގޯތިގެދޮރު ސާފުވާނެ އެވެ. ސަބަބަކީ ކޮންމެ ދުވަހަކުވެސް ކޮންމެގޮތެއް ހަދައިފައިނަމަވެސް ގޭދޮށް ކުނިކަހައި ސާފުކުރާނެތީއެވެ. މިއީ ވާދޫ އަންހެނުން ސިފަކުރަން އެންމެ ފަސޭހަގޮތެވެ. ކުނިކެހުމަކީ މި ރަށު އަންހެންވެރީން އެންމެ ޝައުގުވެރިކަމާއެކު ކުރާކަންތަކެވެ.

ފަތިހުގެ މުދިމަށް ބަންގި ދިނީމާ ނުވަތަ ހާލާ ކާޅުގެ އަޑު އިވުނީމާ، ނަމާދުކޮށްލައިގެން ނުކުމެ ގޯތި ތެރެއާއި ގެއާ އިންވެގެން އޮންނަ މަގުމަތީ ސަރަހައްދު ކުނިކަހައި ސާފުނުކޮށް ވާދޫގެ އަންހެންވެރިން އެހެން ކަމަކާ ނުވެސް އުޅޭނެއެވެ. ރަށު ތެރޭން އެ ފެންނަ ނަލަ ކަމުގެ އަސްލަކީ މިއީއެވެ. މަގުމައްޗާއި ގޯތިތެރެ ހަޑިވެއްޖެ ނަމަ ސާފުނުކޮށް ތިބުމަކީ މި ރަށުގެ އަހުލުންނަށް މާ ކަމުދާ ކަމަކަށް ނުވެއެވެ. ސައިހެދުމާއި ކެއިންބުއިމަށްވެސް އިސްކަންދޭނީ ކުނިކަހައި ގޭދޮށް ރީތި ކުރުމަށްފަހުއެވެ.

ސާފުތާހިރު ކަމަކީ އިސްލާމް ދީނުގެ މައިގަނޑު ތިން ބައި ކަމުގައިވާ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މުސްލިމެއްގެ އީމާންކަމާއި އަޅުކަމާއި އަޚުލާޤު ފުރިހަމަ ކުރެވޭނީ ސާފު ތާހިރު މީހަކަށް ވެސް ވެގެންނެވެ. މި ސާފުތާހިރުކަމުގެ ތެރޭގައި އިންސާނާގެ ޝަޚުސީ ސާފު ތާހިރު ކަމުގެ އިތުރަށް އާންމު ސާފު ތާހިރުކަން ވެސް ހިމެނެ އެވެ. ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ ”ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.“ (އަޙްމަދާއި މުސްލިމް). އަދި ސާފުކަން (ނަޡާފަތު) އެއީ އީމާންކަމުގެ ތެރެއިން ވާ ކަމެއްކަން އެހެން ހަދީސެއްގައި ބަޔާން ކުރައްވާފައި ވެއެވެ. ވީމާ މީހެއްގެ އީމާންކަން ފުރިހަމަ ވާން އޮތީ ސާފުތާހިރު ވެގެންނެވެ.

ރ. ވާދޫގައި އަވަށުު ތެރޭގެ ސާފުތަކާހިރު ކަމާ އެއްވަރަށް މީހުން ނޫޅޭ ސަރަހައްދުގެ މަގުތައް ވެސް ފެންނާނީ ވަރަށް ޗާލުކޮށެވެ. ވާދޫގެ ގޮނޑުދޮށްތަކާއި ތުނޑީ، ފިނޮޅުތައް ވެސް ނިކަން ސާފުތާހިރުވާނެއެވެ. އެތަންތަން ސާފުކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަކެވެ. މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ މި ރަށު މީހުންގެ ސަގާފަތެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް މި ރަށު މީހުންގެ ފަހުރެކެވެ. ވާދޫއަކީ އަބަދުވެސް ސާފުތާހިރު ރަށެއްގެ ގޮތުގައި ނަން ކިޔާ ނަމޫނާ ރަށެކެވެ. ރަށުތެރެ، އަދި ގޯތިދޮށް ކުނިކަހައި ރީތިކުރުމަކީ އާދައެކެވެ. ވާދޫ އަންހެނުންގެ ފަރާތުން ތަރުބިއްޔަތުވާ އަންހެން ކުދީންގެ ކިބައިގައިވެސް މި އާދަ ހުރެއެވެ.

ފަން ފީއްސައިގެން (ފަންވަތުން އިލޮށި ވަކިކުރުން) އިލޮށިފަތި ހަދައި ކުނިކެހުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. ޒަމާނަށް އަންނަ ބަދަލާއެކު ކުނިކެހުމަށް ބޭނުންކުރާ ތަކެއްޗަށްވެސް ބަދަލުތައް ދަނީ އަންނަމުންނެވެ. ކޮޅަށްހުރެގެން ކަހާ ފިހިގަނޑުތައް ތަޢާރަފުކޮށް ޕްލާސްޓިކް ފިހިގަނޑުތައް ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް އަދިވެސް ވާދޫ އަންހެނުންނަށް ކަމުދަނީ އިލޮށިފައްޗެވެ.

ޝަޚުޞީ ސާފު ތާހިރު ކަމަށް އިސްލާމް ދީން ބާރުއަޅާ ފަދައިން އާންމު ސާފުތާހިރު ކަމަށް ވެސް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. މި ގޮތުން އެންމެ ފުރަތަމަ ކަމަކަށް މިސްކިތްތައް ސާފުތާހިރު ކޮށް ބޭއްވުމަށް އިރުޝާދު ދެއްވަ އެވެ. މިގޮތުން ޠަވާފު ކުރާ މީހުންނާއި އަޅުކަން ކުރަން ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށްޓަކައި ﷲގެ ގެފުޅު ޠާހިރު ކުރެއްވުމަށް އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ﷲ އަމުރު ކުރެއްވެވި އެވެ. (އަލްބަޤަރާ 125). މިސްކިތް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާ މީހުންނަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގަދަރު ކުރައްވަވާކަން ހަދީސުން ސާބިތުވެ އެވެ.

މިގޮތުން މިފަދަ މީހަކު ނިޔާވި ކަން އެކަލޭގެފާނަށް ކުރިން އެނގިވަޑައި ނުގަނެ އޮތުމުން އެކަމާ ދެރަފުޅުވެ އޭނާގެ ޤަބުރު ކައިރި އަށް ވަޑައިގެން ކަށު ނަމާދު ކުރެއްވެވި އެވެ. އެކަލޭގެފާނު ބަޔާން ކުރައްވާ ގޮތުގައި މިސްކިތަށް ކުޅު ޖެހުމަކީ ފާފައެކެވެ. މިކަމުގެ ކައްފާރާއެއްގެ ގޮތުގައި އެ ކުޅަށް ފަސްއަޅައި ފޮރުވަން ޖެހެ އެވެ. މި ޒަމާނުގައި ނަމަ މި ހަދީސް ތަންފީޒު ކުރުމަށްޓަކައި އެ ކުޅު ޖެހި ތަނެއް ސާފު ކުރަން ޖެހޭނެ އެވެ. ކުޅަކީ އޭގެ ޒާތުގައި ތާހިރު އެއްޗެއް ކަމަށް ވާއިރު ވެސް އެއިން ސާފު ތާހިރުވާން އިރުޝާދު ދެއްވާފައި ވުމުން އެނގިގެން ދަނީ މިސްކިތުގައި ނަޖިހެއް ނުވަތަ ނަޖިހެއް ކަމަށް ނުވިއަސް އެއްވެސް ބާވަތެއްގެ ހަޑިކަމެއް ހުރެއްޖެ ނަމަ އެ ފިލުވާލުން މާ އައުލާކަން ބޮޑުވެގެންވާނެ ކަމެވެ.

އާންމު ސާފުތާހިރު ކަމުގެ ދެ ވަނަ ކަމަކަށް އިސްލާމް ދީން ބާރު އަޅަނީ ދިރިއުޅޭ ގެދޮރު ސާފުތާހިރު ކޮށް ބޭއްވުމަށެވެ. ދިރިއުޅޭ ގެދޮރަކީ ވެސް އެ ތަނުގައި ނަމާދު ކުރަން ކޮންމެހެން ޖެހޭ ތަނަކަށް ވާހިނދު މިސްކިތްތައް ސާފު ތާހިރުކޮށް ބޭއްވުމަށް އޮންނަ އިރުޝާދުތަކުގެ ދަށުން ގެދޮރު ވެސް ސާފުތާހިރުކޮށް ބާއްވަން ޖެހެ އެވެ. މީގެ އިތުރުން ސީދާ މިކަމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައި ވެއެވެ.

ރަނގަޅުކަމާއި ސާފު ތާހިރުކަމާއި މާތްކަމާއި ދީލަތިކަން އެއީ ﷲގެ ސިފަފުޅުތަކުގެ ތެރެއިން ހިމެނޭ އަދި އެ ކަންކަމަށް ﷲ ލޯބިވެ ވޮޑިގަންނަވާ ކަންތައްތަކެއްކަން ބަޔާން ކުރެއްވުމަށް ފަހު ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ ”ތިޔަބައިމީހުންގެ ގެދޮރު ސާފުތާހިރު ކުރާށޭ!“ އެވެ. (އައްތިރުމިޛީ)

އާންމު ސާފުތާހިރު ކަމުގެ ތިން ވަނަ ކަމަކަށް އިސްލާމް ދީން ބާރު އަޅަނީ މަގުތަކާއި މީހުން އެއްވެ އުޅޭ ތަންތަން ސާފު ތާހިރު ކޮށް ބޭއްވުމަށެވެ. މިގޮތުން ފެންގަނޑުގަނޑާއި ހިނގާ މަގުތަކާއި ގަސްގަހުގެ ހިޔަލަށް ޤަޟާޙާޖާ ކުރުމުން ދުރުހެލިވާން އަމުރު ކުރައްވާފައި ވެއެވެ. (އަބޫ ދާއޫދު). އަދި އެފަދަ ތަންތަން ނަޖިސް ކުރުން އެއީ ލަޢުނަތް ލިބޭނެ ކަމެއް ކަމުގެ އިޝާރާތް ވެސް ކުރައްވާފައި ވެ އެވެ. (އަޙްމަދާއި މުސްލިމް)

މަގުމަތީގައި މީހުންނަށް އެއިން އުނދަގުލެއް ފޯރާނެ ކޮންމެ އެއްޗެއް އެއްކައިރި ކޮށްލުން ކީރިތި ރަސޫލާ ހިމަނުއްވާފައި ވަނީ އީމާންކަމުގެ ބައިކުޅަ ބައެއްގެ ގޮތުގައެވެ. އެހެން ހަދީސެއްގައި ވާ ގޮތުން އެކަމަކީ ކުރެވޭ ސަދަގާތެކެވެ. (ބުޚާރީ އާއި މުސްލިމް). އަދި އެހެން ހަދީސަކުން އެނގޭ ގޮތުގައި އެފަދަ ކަމެއް ކުރާ މީހަކު އެކަން ކުރުމަށް ފަހު ﷲ އަށް ޝުކުރު ކޮށްފި ނަމަ އޭނާގެ ފާފަތައް ފުއްސަވާނެތެވެ. (ބުޚާރީ)

މަގުތަކާއި މީހުން އެއްވާ ތަންތަން ސާފުތާހިރު ކޮށް ބޭއްވުމަށް އިސްލާމް ދީން ބާރުއަޅާފައި ވުމުން މަސައްކަތްތައް ކުރުމަށާއި ކިޔަވައިދިނުން ފަދަ ކަންކަމަށް ޚާއްސަ ކޮށްފައި ހުންނަ ހުރިހާ ތަންތަނެއް ވެސް ސާފު ތާހިރުކޮށް ބާއްވަން ޖެހެ އެވެ. އެއްވެސް ބާވަތެއްގެ ނަޖިހެއް މިފަދަ ތަނެއްގައި ހުރެއްޖެ ނަމަ އެ ފިލުވާލުން އެއީ ހަމަ ކޮންމެހެން ލާޒިމު ވެގެންވާ ކަމެކެވެ.