ރ. ވާދު އަށް ޒިޔާރަތްކުރާ ގިނަ މީހުނަށް ފާހަގަވާ ކަމެއް އޮވެއެވެ. އެއީ ވާދޫގައި، އެއްވެސް ވަރަކަށް ބުޅަލުގެ ހިލަމެއް ނުވެއެވެ. ރަށު ތެރޭން ބުޅަލެއް ނުފެނެއެވެ. އަދި ގެއެއްގައި ގެންގުޅެނިކޮށް ވެސް ނުފެނެއެވެ. އާނއެކެވެ، ތިޔަ ހީވީ ރަނގަޅަށެވެ.
ރ. ވާދޫ އަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ބުޅާ ނޫޅޭ ރަށެކެވެ. ވާދޫގައި އެންމެ ފަހުން ބުޅާ ގެންގުޅުނު އިރެއް ސީދާ ސާފުކޮށް އެނގޭކަށް ނެތެވެ. މިކަމުގައި ދެބަސްވުންތައް ހުރި އިރު، ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވެފައި ވަނީ ވާދޫގައި ބުޅާ އެންމެ ފަހުން ގެންގުޅެފައި ވަނީ 1980 އަހަރުތަކަށް ވުރެ ވެސް ކުރީކޮޅުގައި ކަމަށެވެ. ނަމަވެސް، ވާދޫގެ ބައެއް މީހުން ބުނާ ގޮތުގައި، އޭގެ ފަހުން ވެސް ވާދޫގައި ބުޅާ ގެންގުޅެފައި ވެއެވެ.
ވާދުގައި ބުޅާ ނޫޅޭ ނުވަތަ ނުގެންގުޅޭ ސީދާ ސަބަބެއް ވެސް ސާފެއް ނޫނެވެ. އެނގޭ ކަމަކީ ރައްޔިތުންގެ މެދުގައި މީގެ ޒަމާންތަކެއް ކުރިން ވެވުނު އެއްބަސްވުމަކާއެކު، ވާދޫގައި ބުޅާ ގެންގުޅުން ވަނީ ނުރަސްމީކޮށް ”މަނާ“ ކޮށްފައެވެ. އަދިވެސް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ތިބީ ހަމަ އެ ގޮތުގައެވެ. މިއަދު ވެސް ވާދޫން ބުޅާ ނުފެންނަ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ.
ކުރިން އުޅުނު ބުޅާތަކަށް ވީ ކިހިނެއް؟
ރ. ވާދޫ ލައިވް އަށް ރަށުގެ އިސް ރަށްވެއްސަކު ކިޔައިދިން ގޮތުގައި ވާދޫއަކީ ބުޅާ ނޫޅޭ ރަށަކަށް ހަދަން މަޖުބޫރު ވީ އެސޮރުމެންގެ ސަބަބުން އާންމު އުނދަގުލާ ކުރިމަތި ވުމުންނެވެ. ވާދޫއަކީ ދަނޑުވެރި ރަަށަކަށް ވެފައި ގަސްތަކުގައި އަޅާ ބައެއް މޭވާ ފަދަ ތަކެއްޗާއި ފަތް ކެއުން ފަަދަ އުނދަގޫތަކާ އޭރު ދިމާވީއެވެ. ގަސް ހެއްދުމުގައި ބުޅަލުގެ ސަބަބުން ދަތިތަކާއި ކުރިމަތިވީއެވެ. އެކަމަކު ވާދޫ ކައުންސިލްގެ ރައީސް ހާމަކޮށްފައިވާ ގޮތުގައި، ވާދޫގައި ބުޅާ އުޅުނު އިރު، މީދާތައް ރުއްރުކަށް އަރާ މައްސަލަ އޮތީ ބޮޑުވެފައެެވެ. މި ގޮތަށް ރުކުގައި މީދާ އުޅެންވީމަ ރުކުގައި ހުންނަ އެއްޗެހި ކައިފައި ރުށް ދަށަށް އަޅާނީއެވެ. ހުސައިން ވިދާޅުވާ ގޮތުގައި، ބުޅާ އުޅޭތީ ޖެހުނީ މި މައްސަލައެވެ.
ވާހަކައިގައި ތަފާތުތަކެއް ހުރުމުން، ވާދޫން ބުޅާ ބޭރުކުރަން ޖެހުނު ސީދާ ސަބަބު ސާފު ނުވި ނަމަވެސް، އެނގޭ ކަމަކީ ކޮންމެ ވެސް ޒަމާނެއްގައި ވާދޫ ރައްޔިތުން އެއްބަސް ކިޔައިގެން ބުޅާތައް ރަށުން ”ބާލާފައިވާ“ ކަމެވެ. އެ ގޮތުން ކައިރި ރަށްރަށަށް ބުޅާތައް ގެންދިޔަ ކަމަށް ވެއެވެ. ވާދޫގައި ބުޅާ ގެންގުޅުން ރަސްމީކޮށް މަނާ ކޮށްފައި ނުވި ނަމަވެސް، މި ރަށުގެ ގިނަ ރައްޔިތުން ބުޅާ ގެންގުޅެން އަދިވެސް ބޭނުން ނުވެއެވެ.
ބަކަރި އަދި މުސަޅު އާލާކުރާ ރަށެއް!
އެކި ޒަމާންތަކުގައި ވާދޫގައި މުސަޅު އަދި ބަކަރި ގެންގުޅެ، އާލާ ކޮށްފައިވާކަން ރަށުގެ އިސްރަށްވެހިންގެ ވާހަކަތަކުން އެނގެއެވެ. އަދި މިހާރު ވެސް، ވާދޫގައި ބަކަރި އަދި މުސަޅު އާލާކުރަމުންދާކަން ފާހަގަކޮށްލަމެވެ، މިކަމަށް ވަކި ހާއްސަ ސަރަހައްދެއް ވާދޫ ކައުންސިލުން ވަނީ ދޫކޮށްފައެވެ. ކުކުޅު/ހާލަކީ ރަށްރަށުގައި އާންމުކޮށް ގެންގުޅޭ އެއްޗަކަށް ވާއިރު، ވާދޫގައި ވެސް ބަންދުކޮށްގެން ގޭގޭގައި ކުކުޅު/ހާ ގެންގުޅޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ރަށު ތެރޭގައި މި އެއްޗެހި ނޫޅޭނެއެވެ.
