އެއްދުވަހަކު މާތް ބޭކަލަކު ކަދުރު ރުކުގެ ބަގީޗާއެއް ކައިރިން ވަޑައިގެންނެވިއެވެ. ވަޑައިގަންނަވަނިކޮށް މަގުމައްޗަށް ވެއްޓިފައި ހުރި ކަދުރު ތަކެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު އެތަނުން ކަދުރު އޮށެއް ނަންގަވާ ފަރީއްކުޅުއްވިއެވެ.
ކަދުރު އޮށް ފަރީއްކުޅުއްވުމާއި އެކު މިކަން މިކުރެވުނީ ބަގީޗާގެ ވެރިމީހާގެ ހުއްދައާއި ނުލައިކަން ހަނދުމަފުޅުވިއެވެ. އެކަމާ ކަންތައް ބޮޑުވެ ހާސްވިއެވެ. ހިތާމަކުރެއްވިއެވެ.
ވަގުތުން އެބަގީޗާތެރެއަށް ވަދެވަޑައިގެން އެތަނުގެ ވެރިމީހާއާއި ބައްދަލުކުރެއްވިއެވެ. އަދި އެކަލޭގެފާނަށް މި ބަގީޗާގެ ރުއްތަކުން މަގުމައްޗަށް ވެއްޓިފައި ހުރި ކަދުރުތަކުން ފަރިއްކުޅުއްވުނު ވާހަކަ ވިދާޅުވިއެވެ. ވީމާ އެކަމުގެ ބަދަލެއްގެ ގޮތުން އެކަދުރަށް ވާ އަގުވެސް ދެއްވާފާނޭ ކަމަށް ވިދާޅުވިއެވެ.
ނުވަތަ އޭނާ އެކަމަށް މާފުކޮށްދިނުމަށް އެދިވަޑައިގަތެވެ. ނުވަތަ އޭނާ ހިތްހަމަޖެހޭ މުއްދަތަކަށް އެބަގީޗާގައި މަސައްކަތް ކުރުމަށް ޙަވާލުކުރުމަށް އެދިވަޑައިގަތެވެ. ބަގީޗާ ވެރިމީހާ އެކަލޭގެފާނަށް ބުންޏެވެ. “ނޫނެކެވެ. ތިބާގެ އަތުން މިކަމަކަށް ލާރިއެއް ނުނަގާނަމެވެ.
އަދި މާފެއްވެސް ނުކުރާނަމެވެ. އަދި މިތަނުގައި މަސައްކަތްކުރާކަށް ވެސް ނުބަހައްޓާނަމެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “އެހެން ވިއްޔާ މިކަމަށް އޮތް ޙައްލަކީ ކޮބައި ހެއްޔެވެ؟” އެމީހާ ބުންޏެވެ. ޙައްލަކީ ތިބާ އަހަރެންގެ އަންހެން ދަރިފުޅާއި ކައިވެނި ކުރުމެވެ.
އެކަލޭގެފާނު ވަގުތުން އެކަމަށް އެއްބަސް ވިއެވެ. އޭނާ ބުންޏެވެ. “އެކަމަކު ދަންނާށެވެ! އެކުއްޖާގެ ލޮލަކަށް ނުފެންނާނެއެވެ. އަދި އަނގައިން ވާހަކައެއް ނުދެއްކޭނެއެވެ (އެބަހީ މަންމަނެކެވެ) އަދި އެކުއްޖާގެ ކަންފަތް ބީރުވާނެއެވެ.” އެކަލޭގެފާނު ކުޑައިރުކޮޅަކު ވިސްނަވަން ހުންނަވާފައި ވެސް އެއްބަސްވާކަމުގައި ވިދާޅުވިއެވެ.
ކޮންމެއަކަސް ވަގުތުން ކައިވެނި ކުރެވިއްޖެއެވެ. ކައިވެނި ކުރެއްވުމަށްފަހު އެއަންހެން ކުއްޖާގެ ކޮޓަރިއަށް ވަޑައިގެން އެކަލޭގެފާނު ސަލާމް ގޮވައިލެއްވިއެވެ. ވަގުތުން އެއަންހެންކުއްޖާ ސަލާމަށް ރައްދުދިނެވެ. އެކަލޭގަފާނު ޙައިރާންވެ ވަޑައިގަތެވެ. ސަބަބަކީ ބީރު ކުއްޖަކަށް އަޑު އިވުނީމައެވެ. އަދި ވާހަކަ ނުދެއްކޭ މީހަކަށް ވާހަކަ ދެއްކޭތީއެވެ. އަދި އެކަލޭގެފާނު ވަދެވަޑައިގަތުމުން އެކުއްޖާގެ މޫނު މަތީގައިވާ ފޮތިގަނޑު ނަގައި އެކަލޭގެފާނަށް އޭނާގެ މޫނު ހާމަކުރިއެވެ. އަނެއްކާވެސް އެކަލޭގެފާނުގެ ހައިރާންކަން ވީއިތުރެވެ. އެހެނީ އެކުއްޖާގެ ލޮލަށް ރަނގަޅަށް ފެނެއެވެ. އަދި ކިއެއްތަ، މޫނުގައި އެއްވެސް އައިބުކަމަމެއްވެސް ނެތެވެ.
ވެފައިހުރި ހައިރާންކަމާއެކު ވަޑައިގެން އެއަންހެން ކުއްޖާގެ ބައްޕައާއި (ބަގީޗާގެ ވެރިމީހާ އާއި) ސުވާލުކުރެއްވިއެވެ. ޖަވާބުގައި ބުންޏެވެ.” އަހަރެންގެ ދަރިފުޅުގެ ލޮލަކަށް ނުބައިމަންޒަރެއް ނުފެންނާނެއެވެ. (އެބަހީ ނުބަލާނެއެވެ) އަދި އޭނާގެ ކަންފަތަކަށް ނުބައި ފާހިޝް ވާހަކަތަކެއް އަޑު ނުއިވޭނެއެވެ. (އެބަހީ އަޑެއްނާހާނެއެވެ.) އަދި އޭނާގެ ދުލުން ނުބައިވާހަކައެއް ނުދެއްކޭނެއެވެ.(އެބަހީ ނުދައްކާނެއެވެ.) “
އަދި އިތުރަށް ވިދާޅުވިއެވެ. ” ތިބާ އިމްތިހާނު ކުރަން އަހަރެން ބޭނުންވީއެވެ. ތިބާ ފާސްވެއްޖެއެވެ.
އެހެނީ ﷲއަށް ޙައްޤު ގޮތުގައި ބިރުވެތިވާ މީހަކު މެނުވީ ބިންމަތީ އޮތް ކަދުރުއޮށެއް ، ވެރިމީހާގެ ހުއްދައަކާއި ނުލައި ކެވިގެން އެކަމުގެ ބަދަލުދޭން ތިޔަފަދައަކުން ނޫޅޭނެއެވެ.”
މިދެންނެވި ކަދުރު އޮށް ފަރީއްކުޅުއްވި ސާލިހް ބޭކަލަކީ އަލްއިމާމް އަބޫޙަނީފާގެ ބައްޕާފުޅު ނުޢުމާން އެވެ. އަލްއިމާމް އަބޫ ޙަނީފާއަކީ މިދެންނެވި މަތިވެރި ކައިވެންޏަށް ލިބިވަޑައިގެންނެވި ދަރިކަލުންނެވެ. އެކަލޭގެފާނަކީ އިސްލާމްދީނުގެ މަތިވެރި އިމާމެކެވެ. ޢާލިމެކެވެ. ފިޤުހުވެރިއެކެވެ. އާދެ! ޙަނަފީ މަޛްހަބު އެބޭކަލަކަށް ނިސްބަތް ކުރެވޭ އިމާމް އެވެ.
Leave a Reply