ރ. ވާދޫގައި އެންމެ ފުރަތަމަ ބިނާކުރެއްވި ހުކުރު މިސްކިތަކީ، މަސްޖިދުލް ޝަރީފް އެވެ. 1977ން 1995ށް ވާދޫގައި ހުރި ހުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފް އެވެ. އެ އަށް ފަހު، މިސްކިތް ކުޑަވެގެން ހަމަ އެތަނުގައި އަލުން މިސްކިތެއް އިމާރާތް ކުރެވުނެވެ. މިއަދު ވާދޫން ފެންނަ ހުރި ހުުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފް އަށް ފަހު، އިމާރާތްކުރެވުނު މަސްޖިދުލް ސަމާހާ އެވެ.

ތާރީޚު ދަންނަ ބޭފުޅުން ވިދާޅުވާ ގޮތުގައި. ވާދޫގައި ފުރަތަމަ އިމާރާތްްކުރެވުނު ހުކުރު މިސްކިތުގެ ޤިބްލަ ބެހެއްޓެވީ  މަޝްހޫރު ޙިސާބު ޢިލްމުވެރިޔާ އަލްމަރުޙޫމު ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތު އެވެ. އާދެ! ތުއްތު ޞާޙަބު އެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ޒައާމަތުގައި އެމަނުކުފާނު ރ. ވާދުއަށް ކުރެއްވި ޒިޔާރަތެއްގައި އެ މިސްކިތް ފެނިވަޑައިގެން އޭރުގެ ކަތީބަށް ދެންނެވި ކަމަށް ވެއެވެ. ޤިބްލަ ބެހެއްޓެވީ ކާކުތޯއެވެ؟ ޖަވާބުދެއްވަމުން ކަތީބު ވިދާޅުވީ، ތުއްތު ސާހަބު ކަމަށެވެ. ދެން ރައީސް މައުމޫން ވިދާޅުވި ކަމަށް ވަނީ ”އެހެން ވިއްޔާ އިތުރަށް ބަލާނެ އެއްޗެއް ނެތް“ ކަމަށެވެ.
މީގެން ހާމަވަނީ ރައީސް މައުމޫން އެ އެބޭކަލުންނަށް ކުރެއްވި އިތުބާރެވެ. ރައީސް މައުމޫނަކީ އެބޭކަލުންގެ ދަރިވަރެއްގެ ދަރިވަރަކެވެ.  ފަޟީލަތުލްއުސްތާޒުއްޝައިހު މޫސާ ފަތުހީ އަލް އަޒްހަރީ އެނގިލައްވާއެވެ؟ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަތުހީ އެވެ. ފަތުހީގެ ފުރަތަމަ ލޯބިކުރެއްވި އިލްމަކީ ހިސާބު އިލްމެވެ. ފާދިއްޕޮޅު ނައިފަރު އީޓުޖެހިގެ އަށް 1924 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ފަތުހީ ތުއްޕުޅުއިރު އެންމެ ފުރަތަމަ އެދުމަކަށްވީ ވެސް އެ އިލްމު ކިޔަވާވިދާޅުވުމެވެ. އޭރު ރާއްޖޭގައި ހުންނެވި ހިސާބުގެ އެންމެ ބޮޑު އިލްމުވެރިޔާ ހިމިތީ އިސްމާއިލް ކަލޭފާނު ތުއްތު (ތުއްތު ސާހިބު) އަރިހަށް ކިޔަވައިވިދާޅުވުމަށް އޭނާ ވަޑައިގެން ސަބަބަކަށް އެކަން ވިއެވެ.
ނައިފަރު އިފްތިތާހުން އަސާސީ ތައުލީމު ފުރިހަމަކުރެއްވުމަށް ފަހު މާލެ ވަޑައިގެން ތުއްތު ސާހިބު އަރިހުގައި މާފަންނު އަސުރުމާގޭގައި ހުންނަވައި ފަތުހީ ކިޔަވާވިދާޅުވީ މަދަރަސަތުލް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. ކިޔަވާވިދާޅުވަމުން ގެންދެވި އިރު އެމަނިކުފާނަކީ އެ މަދަރުސާގެ އެންމެ މޮޅު ހިސާބު ދަރިވަރަށްވުމުން ދަށު ކިލާސްތަކަށް ކިޔަވައި ދެއްވަން ޖެހިވަޑައިގަތެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަކީ އޭރު އެމަނިކުފާނުގެ ދަރިވަރެކެވެ.