ރ. ވާދުގައި އަލަށް އިމާރަތްކުރާ ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިންދުވަސް ވުމުން، އެ ތަނުގައި ގަސްބޯވެ ”ޖަންގައްޔަށް“ ވާން ފަށައިފިއެވެ.
ވާދޫ މިސްކިތުގެ މަސައްކަތް 4.46 މިލިއަން ރުފިޔާ އަށް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވާއިރު މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.
ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔަ އިރު، އެ ތަނުގެ މަސައްކަތް ވަނީ ނުނިމިއެވެ.
މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.
ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.
އެނގިފައިވާ ގޮތުގައި މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އެސްކޮން ބިލްޑާރސް ކުންފުނިން މުވައްޒަފުންނަށް އުޖޫރަ ނުދޭ މައްސަލައިގައެވެ. އަދި މަސައްކަތް ލަސްވުމާ ގުޅިގެން ސަރުކާރުން ވަނީ އެސްކޮންއާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުމަށް މަސައްކަތް ފަށާފައެވެ.
މިސްކިތުގެ މަސައްކަތް ނުފެށި ލަސްވާތީ، ރ. ވާދޫ ލައިވްގެ ފަރާތުން ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އާ ސުވާލުކުރުމުން، ވިދާޅުވީ، އެހެން ކުންފުންޏަަކާ މި މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި މަސައްކަތަށް އެސްކޮން ބިލްޑާރސް ނުހިމެނޭ ގޮތަށް ފުރަތަމަ ބިޑް ހުށައެޅި ފަރާތްތަކަށް އިންވައިޓެޑް ބިޑާރސްގެ ގޮތުގައި ބީއޯކިޔު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ބިޑް ހުށައެޅުމުން، އެވެލިއުޓްކޮށް ވަރަށް އަވަހަށް މި މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ބިގޭ ދެއްވިއެވެ.
ބިގޭ އިތުރަށް ވިދާޅުވީ، މި މަސައްކަތް އަލުން ފަށާނީ ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އަދި މި ބަދަލުތަކާއެކު މިސްކިތް މާ ފުރިހަމަވާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތަފްސީލާއި އަދާހަމަ އާންމުކުރަމުންދާ އައިލްސް ވެބްސައިޓުގައި ވާ ގޮތުން މިސްކިތުގެ އަމަލީ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް
މި މަސައްކަތަށް ޖުމުލަ 5445396.00 ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި މިސްކިތް އިމާރާތްކުރަނީ ވާދޫ ދެކުނު ސަރަހައްދުގައެވެ. ވާދޫގެ އުތުރު ސަރަހައްދުގައި ޒަމާނީ ވަސީލަތްތައް ހުރި، އޭސީ ކުރެވިފައިވާ، ފެންވަރު ރަނގަޅު މިސްކިތެއް ހުރެއެވެ.
