ސަރުކާރުގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތަރިކުރުމުގެ ސިޔާސަތުގެ ދަށުން ރ. ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އޮގަސްޓް މަހު ފަށާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ،

ރ. ވާދޫ ލައިވް އަށް ކަށަވަރުވެފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިންގާ މި މަޝްރޫޢު އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ފަށާނެއެވެ. މި މަޝްރޫޢަކީ ޓްރަސްޓް ފަންޑް (ގްރީން ކްލައިމެޓް ފަންޑް) އިން ޙަރަދުކުރާ މަޝްރޫޢަކަށް ވާއިރު، 2021ގެ ބަޖެޓްގައި މި ކަމަށް 1,000,000.00 ދިވެހި ރުފިޔާ އަދި 2022ގެ ބަޖެޓްގައި 12,216,170.00 ރުފިޔާ ހިމަނާފައި ވެއެވެ.

ޖުމުލަކޮށް ވާދޫގައި މި މަޝްރޫޢު ހިންގުމަށް 19,824,255.00 ދިވެހި ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

މި މަައްކަތް މިހާރު އޮތީ ޕްރީޓެންޑަރިންގެ މަރުހަލާގައެވެ. މިކަމަށް ކުރަންޖެހޭ ޕްލޭންތައް ވަނީ މިހާރު ނިންމާލާފައެވެ.

ދިވެހިރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް ގެއްލުންނުވާނޭހެން ތަރައްޤީގެ މަޝްރޫޢަށް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ތަރިކަ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި އުސޫލަކުން މެނުވީ ބޭނުންނުކުރުމަށް ބާރުއެޅުމުގެގޮތުން އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ތިމާވެށްޓާއި ގުޅުންހުރި މައްސަލަތައް، ވަކިން ޙާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ދިވެހިރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.