ރ. ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މަސައްކަތް ނިންމުމަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މިއަދު އެވެ.

4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަބީބެވެ.

ވާދޫގައި 2019 ވަނަ އަހަރު އިމާރާތް ކުރަން ފެށި އާ މިސްކިތުގެ މަސައްކަތް ހުއްޓުނީ، މި މަސައްކަތް ފުރަތަމަ ހަވާލުކުރި އެސްކޮން ބިލްޑާރސް ކުންފުނިން އެ މަސައްކަތް ނުކޮށް ދިގުލައިގެން ދާތީ، މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފަރަސްޓަކްޗާރ އިން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުންނެވެ.

މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.

ރ. ވާދޫ ހިމެނޭ، އަލިފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ)، މީގެ ކުރިން ރ. ވާދޫ ލައިވް އަށް ވިދާޅުވީ، އާ ކުންފުންޏަަކާ މި މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބިގޭ އިތުރަށް ވިދާޅުވީ، މި މަސައްކަތް އަލުން ފަށާނީ ޑިޒައިނަށް ވެސް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އަދި މި ބަދަލުތަކާއެކު މިސްކިތް މާ ފުރިހަމަވާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.