ރ. ވާދޫ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އެޑްމިން އިމާރާތުގެ މަސައްކަތް ނިމިއްޖެ ކަމަށް ބުނެ އެ މަސައްކަތް ކުރާ، އަޒްރޯވާ ޕްރައިވެޓް ލިމިޓެޑުން ހެދީ ދޮގެއްކަން ހާމަވެއްޖެއެވެ.
ރ. ވާދޫ ލައިވް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދި ނިމިފައި ވަނީ އެ އިމާރާތުގެ 81 އިންސައްތަ މަސައްކަތެވެ. އެކަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވެސް ކަށަވަރުކޮށްދެއެވެ.
މީގެ ކުރިން، އަޒްރޯވާ ޕްރައިވެޓް ލިމިޓެޑުން ރ. ވާދޫ ލައިވް އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ރ. ވާދޫ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން އެޑްމިން އިމާރާތުގެ މަސައްކަތް ނިންމާލައި މިހާރު ކުރިއަށް ދަނީ ސީ އައުޓްފޯލް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން، މިހާ ތަނަށް ނިމިފައި ވަނީ ޑީޓެއިލްޑް ޑިޒައިންގެ 100 އިންސައްތަ އަދި އެޑްމިން ބިލްޑިންގގެ 81 މަަސައްކަތް މަސައްކަތެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏަކާއެވެ.
ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. މި މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެއީ 12 ޖޫން 2019 ގައެވެ.