މި އަހަރުގެ ޢަލްހާ ޢީދުގެ ފުރަތަމަ 3 ދުވަހު މި ވަނީ ރ. ވާދޫގައި ކުރިއަށް ގެންދާ މައިގަނޑު ހަރަކާތްތައް ނިމިފައެވެ. އެ ގޮތުން، މާލި ނެރުމާއި ކޯޑި ކުޅެ އަދި އެއާ ވިދިގެން ތަކުރު ނެރުން ވެސް މި ވަނީ ނިމިފައެވެ.

ފާހަގަކުރެވުނު ކަމަކީ މިއަހަރުގެ ޢީދު ކުޅިވަރުގައި ބައިވެރިވި މީހުން ނިސްބަތުން މަދު ކަމެވެ. ބެލެވޭ ގޮތުގައި ރަށުގެ ގިނަ ބަޔަކު މި އަހަރުގެ ޢީދު ހަރަކާތްތަކުގައި ބައިވެރި ނުވީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު މި ވަގުތު ގައުމު މި އޮތް ހާލަތުގައި އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން ރައްކާތެރި ކަމަކަށް ނުވާނެތީއެވެ.

އެކަމަކު މަދު މީސްކޮޅެއް ނުކުމެ ނަމަވެސް ޢީދުގެ ފޯރި ގެނެވޭތޯ މަސައްކަތް ކުރިކަން ފާހަގަކޮށްލަން ޖެހެއެވެ. ހާލަތުގެ ގޮތުން އެހެން އަހަރުތަކަށް ވުރެ ލޮނުމަޑުކޮށް ކުޅިވަރުތައް ކުރިއަށް ދިޔަ ނަމަވެސް މީގެ ކުރިން ވާދޫއަކީ ފޯރިއާއި ޖޯށުގައި ޢީދު ފާހަަގަކުރާ ރަށެކެވެ.

އެޗްޕީއޭގެ އިލްތިމާސް: ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވޭ!

ކޯވިޑް-19ގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭން މިގޮތަށް އިލްތިމާސްކުރެއްވީ ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ދަތުރުކުރާނެތީ އަދި ޢީދުގެ ހަރަކާތް ބައެއް ރަށްރަށުގައި ބޮޑުކޮށް ކުރިއަށް ގެންދާނެތީ އެވެ.

ކޯވިޑް-19ގެ ވޭދަނަތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް އަޅާ ބަލި ފެތުރޭ ބާރުމިން މަތަކުރަން ފެށީ މިބަލީގައި ގިނަބަޔަކު ފައްސިވެ ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވާން ފެށުމުންނެވެ. ބިރުވެރި މިންވަރަކަށް ބައްޔަށް މީހުން ފައްސިވެ ބަލީގައި ނިޔާވާން ފެށިއިރު އެއީ މިބަލީގައި މިހާތަނަށް ރާއްޖެއިން ތަޖުރިބާކުރި އެންމެ ނުރައްކާތެރި ރާޅެވެ.

ފިޔަވަޅުތަކާއެކު ވޭދަނަތައް މަދުވުމުގެ ސަބަބުން ގިނަ ބައެއްގެ އެދުމާއެކު ޢީދު ބަންދާއި މިނިވަންދުވަހާ ދިމާކޮށް ލިބުނު މި ބޮޑު ޗުއްޓީގައި ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭން ވަނީ ލުއިތަކެއް ދީފައެވެ.

އެހެން ނަމަވެސް ރަށްރަށަށް ދިޔުމަށް ދިން މިލުއިތަކާއެކު ރައްކާތެރިކަމަށް އިސްކަން ނުދެއްވިއްޖެ ކަމުގައި ވާ ނަމަ ބަލީގެ އިތުރު ރާޅެއް އައުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ގިނަ ބަޔަކު މިދުވަސްވަރު ދަތުރުކުރާއިރު އެއްކޮށް އުޅޭ މީހުން ފިޔަވާ އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢީދަކީ ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި ގުޅިފައިވާކަމަކަށްވާއިރު ޢީދާ ގުޅިގެން ގިނަ ޙަރަކާތްތައް އިންތިޒާމުކުރާ ދުވަސްވަރެއްނަމަވެސް އެޗްޕީއޭން ވަނީ މިފަހަރުގެ ޢީދާއި ގުޅިގެން ބާއްވާ ޙަރަކާތްތަކުގައި އެކުގައި އުޅޭ ޢާއިލާ މީހުން ފިޔަވާ އިތުރު މީހުން ބައިވެރި ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގިނަ މީހުން އެއްވެގެން ބާއްވާ ޢީދު ޙަރަކާތްތަކާއި ކެއުންތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެހެންވެ ވާދޫގައި ވަޅު ޢީދު ދުވަހުގެ ހެނދުނު އޮންނަ ޢީދު ސައި މި އަހަރު ބާއްވާފައި ނުވެއެވެ.

މިދުވަސްވަރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވީނަމަވެސް އެއްރަށުން އަނެއް ރަށަށް ގޮސްގެން ބާއްވާ ކުޅިވަރު މުބާރާތްތައް މިދުވަސްވަރު ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުންވެސް ވަނީ އިރުޝާދުދެއްވާފައެވެ. އަދި އެޗްޕީއޭން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ދަތުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ އިންޒާރު ދެއްވާފައެވެ.

ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ނައްސި ނަތީޖާއަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ. އަދި މި ބަލި ޖެހި، ބަލިން ރަނގަޅުވެފައި ތިބި މީހުންނަށްވެސް ވަނީ 60 ދުވަހުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަދީފައެވެ.

އެކަމަކު މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށަށް ދަތުރުކުރެވޭނީ އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކުގައެވެ.