މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހއ. އަތޮޅުން ރ. އަތޮޅަށް އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައިވަނީ ފަތިހު 5:30ން ހެނދުނު 10:30ށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ހޯމަ ދުވަހުގެ ހެނދުނު 10:00ށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާޅުގެ އުސްމިނުގައި 3 ފޫޓު ނުވަތަ 6 ފޫޓު ހުންނާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.