ރ. ވާދޫ ރައްޔިތުންގެ ގުދަން މަރާމާތު ކުރުން ލަސް ވެ 3 މަސް ދުވަސް ވާން ދާތީ ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރ. ވާދޫ ރައްޔިތުންގެ ގުދަން މަރާމާތު ކުރުން ލަސްވަނީ ބަޖެޓް ނެތިގެން ކަމަށް ރ. ވާދޫ ކައުންސިލުން ބުނެއެވެ.
ބާރުގަދަ ކޮޅިގަނޑެއްގައި ފުރާޅު އެއްލާލައި ގެއްލުން ވެފައިވާ ރ. ވާދޫ ރައްޔިތުންގެ ގުދަން މަރާމާތު ކުރުން މިހާ ތަނަށް މަޑުޖެހިފައި ވަނީ ކައުންސިލުން ހާމަކުރާ ގޮތުގައި ފައިސާ ހަމަނުޖެހިގެންނެވެ. އެކަމަަށް ހޭދަވާނެ ކަމަށް އަންދާޒާކުރާ އަދަދަކީ 85000 (އަށްޑިހަ ފަސް ހާސް) ދިވެހި ރުފިޔާ އެވެ.
ރ. ވާދޫ ލައިވް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ރ. ވާދޫ ކައުންސިލްގެ ބަޖެޓުން އެ ތަން މަރާމާތު ކުރުމުގެ ހުއްދަ އެ ކައުންސިލަށް ދީފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ކައުންސިލުން އެދިފައިވާ ގޮތަށް 85000 ރުފިޔާ ވާދޫ ކައުންސިލަށް ފޯރުކޮށްދޭން ސާރުކާރުން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން ކައުންސިލްގެ ރައީސް ހުސައިން ޢަލީ ”ރ. ވާދޫ ލައިވް“ އަށް ވިދާޅުވީ ކައުންސިލްގެ ބަޖެޓުން އެ ވަރުގެ ހޭދައެއް ކުރެވެން ނެތް ކަމަށެވެ. ”މިއުޅެނީ ކަރަންޓް ބިލް ދެއްކޭނެ ވަރު ވެސް ނެތިގެން“ ބަޖެޓްގެ ދަތިކަން ހުރި މިންވަރު ދޭހަކޮށްދިނުމަށް ހުސައިން ވިދާޅުވިއެވެ.
މެއި މަހު ކުރި ވިއްސާރައިގައި ރ. ވާދުއަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.
އެ ގޮތުން ރަށަށް ވަރަށް ބޮޑަށް އުދަ އަރާފަައިވާއިިރު، ބައެއް ގޭގެއަށާއި އާންމުންގެ ތަކެއްޗާއި މުދަލަށް ލޮނުގެ އަސަރުކޮށްފަައި ވެއެވެ.
ގޭގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ވާދޫގެ ރައްޔިތުން ވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ. ރައްޔިތުން ނުކުމެ ގޭގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖަހާފައި ވެއެވެ. އަދި ލޮނުގަނޑު ހިންދުމަށް ބައެއް ތަންތަނުގައި ވަޅުގަނޑު ކޮނެފަަައިވެއެވެ.
2021 މެއި 14 ވަނަ ދުވަހަކީ އާދަޔާ ޚިލާފަށް ވައިބާރު ދުވަހެއްކަމުން ވާދޫ ކައުންސިލް އިދާރާގެ ގުދަނުގެ ފުރާޅުގެ ޓިނުތައް ވަނީ ވަޔާ އެއްލާލައިފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ގަސްގަސް ވެރިފަައިވެއެވެ.
މެއި މަހު ފުރާޅު އެއްލާލި ގުދަން ހިޔާކޮށް މަރާމާތު ނުކުރެވި ލަސްވާތީ ގިނަ ރައްޔިތުން ދަނީ އެކި ގޮތްގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުން ވަނީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އަށް ވެސް މި ކަންބޮޑުވުން ހިއްސާކޮށްފައެވެ.
